މަޝްހޫރު އެޕަލް ކުންފުނީގެ ފިހާރައެއް މިއަދު އަލަށް އިންޑިއާގައި ހުޅުވައިފި އެވެ.
އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި މިއަދު ހެނދުނު ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގައި އެޕަލް ރީޓެއިލް ފިހާރަ ހުޅުވައި ދެއްވީ ކުންފުނީގެ ސީއީއޯ ޓިމް ކުކެވެ. އޭނަ ވިދާޅުވީ އެޕަލްއާ ގުޅުން ހުރި މަސައްކަތްތައް އިންޑިއާގައި ފުޅާވެ، އެ ކުންފުނީގެ ޑިވައިސްތައް ބޭނުންކުރާ ކަސްޓަމަރުން ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، އެޕަލްގެ ހިދުމަތް އިންޑިއާގެ ކަސްޓަމަރުންނަށް ވީހާ ގާތުން ލިބޭ ގޮތް ވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
The energy, creativity, and passion in Mumbai is incredible! We are so excited to open Apple BKC — our first store in India. pic.twitter.com/talx2ZQEMl
— Tim Cook (@tim_cook) April 18, 2023
އަދި މުމްބާއީގައި އެޕަލް ސްޓޯރް ހުޅުވުމާ ދިމާކޮށް ކަސްޓަމަރުންގެ ފަރާތުން ފެނުނު ޖޯޝާއި ފޯރީ ވަރަށް ވަރުގަދަ ކަމަށް ޓިމް ވިދާޅުވި އެވެ. އެ ރަސްމިއްޔާތާ ދިމާކޮށް އިންޑިއާގެ އެކި ކަންކޮޅުތަކުން މީހުން އެއްވެ، ފިހާރަ ކައިރީގައި ކިއު ވެސް ހަދާފައިވެ އެވެ.
މި ފިހާރައިގައި އެޕަލްގެ ޑިވައިސްތައް ކަސްޓަމަރުންނަށް ޓެސްޓްކުރެވޭނެ ފުރުސަތާއި ގަތުމާއި އަދި އެ ނޫން ވެސް އެތައް މުއާމަލާތެއް އެޕަލްއާ އެކީ ކުރެވޭނެ އެވެ.
މުމްބާއީގައި ހުޅުވި ފިހާރައިގެ އިތުރަށް ބުރާސްފަތި ދުވަހު ވެރިރަށް ނިއު ދިއްލީގައި ވެސް އެޕަލްގެ އިތުރު އައުޓްލެޓެއް ހުޅުވާނެ އެވެ. މިއީ އެންމެ ޒަމާނީ ކުލަވާރާއި ފާޑުވެރިކަން ދައްކުވައި ދޭ ގޮތަށް ފަރުމާ ވެސް ކޮށްފައިވާ ތަންތަނެވެ.