ޝާހްރުކް ޚާނާއި ސަލްމާން ޚާންގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" ގެ ބަތަލާ އަކީ ޝަރްވާރީ ވާގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޭނަ އަކީ މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދިން "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ނެރުނު ބަތަލާއެކެވެ. މީޑިއާތަކުން ބުނީ ޝާހްރުކް، 57، އާއި ސަލްމާން، 57، ގެ ފިލްމަށް ޝަރްވާރީ، 26، ނެގުމާ ގުޅިގެން، އެ ފިލްމަށް ވާން ޖެހޭ ތައްޔާރީތައް އޭނަ މިހާރު ވެސް ވަމުން އަންނަ ކަމަށެވެ.
އެގޮތުން ހަށިގަނޑު ފިޓްކުރަން ފިޓްނެސް ޓްރެއިންތަކެއް ހަދަމުން އަންނަ ވީޑިއޯތަކެއް ވެސް ޝަރްވާރީގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
ސަލްމާނާއި ޝާހްރުކްގެ ފިލްމުގެ ބަތަލާއަކަށް ޝަރްވާރީ ނަގާފައިވާ ކަމަށް ބުނާ އިރު، ވައިއާރްއެފުން އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ތައާރަފުކުރަން ހަދާ "މަހާރާޖާ" ގެ އެއް ބަތަލާ އަކީ ވެސް ޝަރުވާރީ ކަމަށް އަޑު އަަރާފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ "ޓައިގާ ވާސަސް ޕަތާން" ޑައިރެކްޓްކުރާނީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. މި ފިލްމަކީ އޭގައި ޝާހްރުކް ކުޅުނު ޕަތާން ކެރެކްޓާ އާއި "ޓައިގާ" ފްރެންޗައިޒްގައި ސަލްމާން ކުޅޭ ޓައިގާ ކެރެކްޓާގެ ކޯޅުމަށް ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ހަދާ އެއްޗެކެވެ.
އެކަމަކު މި ފިލްމާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.