Last Updated: July 25, 05:49
Friday, July 25, 2025
މުނިފޫހިފިލުވުން

"ޔާރާ" ވަރަށް ކުލަގަދަ، ތަފާތު ވާނެ

ބަތަލާ އައިޝަތު ރިޝްމީ މުހިއްމު ރޯލެއް ކުޅެ، ޑައިރެޓްކޮށް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ ވެބް ސީރީޒް "ޔާރާ" ގެ ކުލަގަދަ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މީގެ ކުރިން ދިވެހި އުފެއްދުމަކުން ނުފެންނަ އެތައް ކުލައަކާއި ހިތްގައިމު ކަމެއްގެ އިތުރުން ޒަމާނީ ގޮތްގަނޑަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ ގޮތަށް ހަދާފައިވާ ސީރީޒް ބެލުންތެރިންނަށް ދޫކޮށްލާނީ މި މަހުގެ 24 ބައިސްކޯފު މެދުވެރިކޮށެވެ. ޔަގީނުން ވެސް ޓްރެއިލާ އިން ފެންނަ ގޮތުގައި "ޔާރާ" އަކީ ގިނަ ބަޔަކު އިންތިޒާރު ވެސް ކުރާނެ އެއްޗަކަށް ވާނެ އެވެ.

އަނެއްކޮޅުން މިއީ ބައިސްކޯފަށް މަގުބޫލު އެކަމަކު "ޑާކް" ސީރީޒް "އެހެނަސް" ގެނެސްދިން ޓީމްގެ މަސައްކަތެވެ. "ޔާރާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނީ އެ ސީރީޒް ލިޔުނު އަހުމަދު އިގްބާލް (އައިކިއު) އެވެ. އެކަމަކު "އެހެނަސް" އާ ހިލާފަށް މިއީ ސީރީސް އެއްޗަކަށް ވުރެ ލައިޓްހާޓެޑް ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ އެއްޗެކެވެ.

އެހެންވެ "ޔާރާ" އަކީ ބެލުންތެރިންނަށް އުފާވެރިކަމާއި ހިނިވުން ގެނެސްދޭނެ ކަހަލަ އެއްޗަކަށް ވާނެ އެވެ.

މީގެ ކާސްޓްގައި ރިޝްމީގެ ކުރީގެ ފިރިމީހާ އަހުމަދު އަޒްމީލު (އަޒޭ) އާއި އޭނަގެ ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އައްޒަގެ މިހާރުގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް (ޖުމާ) ގެ އިތުރުން ރިޝްމީ އާއި އައްޒަގެ މަންމަ އައިޝަތު ރަޝީދާގެ އިތުރުން، އައިމިނަތު ރިޝްފާ، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހުމަދު އާސިމް، ޝަރާ އާދަމް (ޝަރާ)، މަރިޔަމް ވަހީދާ (ޔަމް)، އާމިނަތު ޝަހާ އަދުނާން، އާމިނަތު ސިލްނާ، އަހްމަދު އިޝާރް، އަބްދުﷲ ޝަރަފް، ޝާއިފް ޝާއިރު، އައިޝަތު ގުލްފާ (ގުލް)، ހުސައިން ޝާދިޔާން (ސޭންޑީ)، މަރިޔަމް ހަލީމް، ނަތާޝާ ޖަލީލު، މަލީހާ ވަހީދުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.

މި ތަރިންތަކުގެ އިތުރުން ވެސް ގިނަ މޫނުތަކެއް "ޔާރާ" އިން ފެންނާނެ އެވެ.

ރިޝްމީ ބުނެފައިވާ ގޮތުގައި މި ސީރީޒަކީ މިހާތަނަށް އޭނަ ކުރި އެންމެ ބޮޑު އަދި ބުރަ މަސައްކަތެވެ.