ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ޗެލްސީ 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑް ސެމީފައިނަލަށް ދަތުރުކުރިއިރު، ނަޕޯލީއާ 1-1 އިން އެއްވަރުކޮށް މުބާރާތުގެ ސެމީން އޭސީ މިލާނުން ވެސް ޖާގަ ހޯދައިފި އެވެ.
ޗެލްސީ އާއި ރެއާލް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު ވެސް 2-0 އިން ކާމިޔާބު ކުރީ ރެއާލުންނެވެ. ރެއާލްގެ ސެމީ އަށް ދަތުރުކުރީ 4-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލު ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޗެލްސީ އަށެވެ. އެގޮތުން ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އެންގޯލޯ ކަންޓޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު މާކް ކުކުރެލާ ފޮނުވާލި ހަމަލާ މަތަކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.
މި މެޗުގައި ރެއާލުން ޖެހި ފުރަތަމަ ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ. މިއީ ވިނީޝަސް ޖޫނިއާ ދިން ޕާހަކުން ޗެލްސީ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން ރޮޑްރިގޯ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ވަލްވާޑޭ ދިން ޕާހަކުން ރެއާލްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.
ފާއިތުވި 13 ސީޒަނުގެ ތެރެއިން 11 ސީޒަނެއްގައި ރެއާލުން މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައިވާއިރު އެޓީމަކީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ވެސް މެ އެވެ. ސެމީގައި ރެއާލް ބައްދަލުކުރާނީ ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 3-0 އިން ކާމިޔާބު ކުރީ ސިޓީންނެވެ.
އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީ ކަޓުވާލައި އޭސީ މިލާނުން ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދިއިރު މިއީ 2007 ވަނަ އަހަރަށް ފަހު އެޓީމު މުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިލާން އާއި ނަޕޯލީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ މިލާނުންނެވެ. މިލާން ސެމީ އަށް ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މިލާނުންނެވެ. ނަޕޯލީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރަފޭލް ލިއާއޯ ދިން ޕާހަކުން މެޗުގެ 43 ވަނަ މިނެޓްގައި މި ގޯލު މިލާނަށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. މެޗުގެ 82 ވަނަ މިނެޓްގައި ނަޕޯލީ އަށް ޕެނަލްޓީއެއް ލިބުނުއިރު އެޓީމުގެ ކިވިޗާ ޚްވަރަސްހޭލިއާ ފޮނުވާލި ޕެނަލްޓީ މިލާނުގެ ގޯލްކީޕަރު މައިކް މައިނަން ވަނީ މަތަކޮށްފަ އެވެ.
ނަޕޯލީ އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ވިކްޓަ އޮސިމެން އެވެ.
ސެމީފައިނަލްގައި މިލާން ބައްދަލުކުރާނީ އިންޓަ މިލާނާއި ބެންފީކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 2-0 އިން ކާމިޔާބު ކުރީ އިންޓަ އިންނެވެ.