"ހަސަން ކުރުސީ" ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ޓްވިޓާ އެކައުންޓްގެ އަސްލު ވެރިފަރާތް ހޯދަން އެހީތެރިކަން ފޯރުކޮށް ދޭން ތައްޔާރަށް ހުންނެވި ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
އެ އެކައުންޓްގެ އަސްލު ހޯއްދަވައި ދެއްވުމަށް ފުލުހުންގެ ފަރާތުން ނަޝީދު އިއްޔެ އެެދިވަޑައިގަތުމާ ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ ގާބިލުކަން ފުލުހުންގެ އައިޓީ ޑިޕާޓްމަންޓުގައި މި ވަގުތު ނުހުންނާނެ ކަމަށެވެ.
"އެކަމުގެ މަގެއް ހޯދަން ބޭނުންފުޅިއްޔާ [އަޅުގަނޑަށް] އެހީތެރިކަން ފޯރުކޮށް ދެވިދާނެ." ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނެވި މަލީހު ވިދާޅުވި އެވެ. "އެއްވެސް ޝައްކެއް ނެތް ކުރުސީ އެކައުންޓަކީ މިހާރު ރައީސް ނަޝީދު އޮޕަރޭޓް ކުރައްވާ އެކައުންޓެއް ނޫން."
އެއްވެސް ޝައްކެއްނެތް ކުރުސީ އެކައުންޓަކީ މިހާރު ރައީސް ނަޝީދު އޮޕަރޭޓް ކުރައްވާ އެކައުންޓެއް ނޫން. އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ ޤާބިލުކަން ފުލުހުންގެ އައިޓީ ޑިޕާރޓްމަންޓުގައި މިވަޤުތު ނުހުންނާނެ. އެކަމުގެ މަގެއް ހޯދަން ބޭނުންފުޅިއްޔާ އެހީތެރިކަން ފޯރުކޮށް ދެވިދާނެ. pic.twitter.com/Ic3JZiiJuS
— Mohamed Maleeh Jamal (@maleehjamal) April 18, 2023
"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓްގެ އަސްލު ހޯދައި ދެއްވަން އެދިވަޑައިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ނަޝީދު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭގެ ސަބަބުން އިންތިހާ އަށް ގެއްލުންވަމުންދާ ކަމަށެވެ.
Seytu noon gotheh https://t.co/zl4JPkwA2V
— Hassan Kurusy (@Parody_hassan) April 14, 2023
އެ ޓްވިޓާ އެކައުންޓަކީ ނަޝީދު ގެންގުޅުއްވާ އެއްޗެއް ނޫން ކަމަށް ވިދާޅުވާ އިރު، އެއީ ސީދާ ހަމަ ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ކަމަށް ވަރަށް ޔަގީންކަމާ އެކީ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި ބައެއް އެހެން ބޭފުޅުން ވެސް ވިދާޅުވެ އެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ގެ އިތުރުން ޝެއިހް އަލީ ޒައިދާއި ޑރ. މުހައްމަދު އިޔާޒް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
Hassan Kurusee ge namugai hingaa twitter account ge olhunthah balllava dhevvumah edhi alhugadu MPS ah fonuvi sitee pic.twitter.com/wu7T0KUulu
— Mohamed Nasheed (@MohamedNasheed) April 18, 2023
"ހަސަން ކުރުސީ" ގެ އިތުރުން ވެސް ނަޝީދު އެހެން ނަންނަމުގައި ޓްވިޓާ އެކައުންޓްތައް ގެންގުޅުއްވާ ކަމަށް ވާހަކަ ދެކެވެ އެވެ. އޭގެ ތެރޭގައި "އެލެކްސް އަހުމަދު" އާއި "އެމްއެން އަންއޮފިޝަލް، އަނެއް ދިވެހި ރާއްޖެ" ހިމެނެ އެވެ.
ނަޝީދުގެ ރަސްމީ ޓްވިޓާ ހިންގަވަނީ އަމިއްލަ ނަމުގަ އެވެ.