Last Updated: May 3, 20:18
Saturday, May 3, 2025
މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ ޑީވީޑީ ވިޔަފާރި ހުއްޓާލަނީ

ނެޓްފްލިކްސް އިން ކަސްޓަމަރުންނަށް މެއިލް މެދުވެރިކޮށް ފޯރުކޮށް ދެމުން އަންނަ ޑީވިޑީގެ ވިޔަފާރި މި އަހަރު ހުއްޓާލަން ނިންމައިފި އެވެ.

ފިލްމާއި ސީރީޒް ފަދަ އުފެއްދުންތައް ބަލަން ޑީވީޑީ އަށް އޮތް ޑިމާންޑް ވެސް ވަރަށް ބޮޑަށް ވެއްޓި، މިހާރު ސްޓްރީމިންގެ ހިދުމަތަށް ގިނަ ބަޔަކު ބަރޯސާވާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު، ނެޓްފްލިކްސް އިން ބުނީ ޑީވީޑީގެ ވިޔަފާރި ހުއްޓާލަން ނިންމާފައި ވަނީ ސެޕްޓެމްބަރުގައި ކަމަށެވެ. އެގޮތުން ޑީވީޑީ ޝިޕްކޮށްދޭނެ އެންމެ ފަހު ތާރީހަކީ އެ މަހުގެ 29 ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން ޑީވީޑީގެ ވިޔަފާރި ފެށީ 1998 ގަ އެވެ. އޭގެ ފަހުން މިހާތަނަށް 5 ބިލިއަން ޑީވީޑީ މެއިލްކޮށްފައިވެ އެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި ޑީވީޑީގެ ވިޔަފާރިން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 145.7 މިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 20 ޕަސެންޓްގެ ދަށްވުމެކެވެ.

ޑީވީޑީގެ ވިޔަފާރި ހުއްޓައިލުމާ ގުޅޭ ގޮތުން ނެޓްފްލިކްސްގެ ސީއިއޯ ޓެޑް ސަރެންޑޯސް ވިދާޅުވީ އޭގެ މަގުބޫލުކަން ދުވަހުން ދުވަހަށް ފަނޑުވަމުންދާ އިރު، އެއީ މިހާރު ދެމެހެއްޓެނިވި ވިޔަފާރިއެއް ވެސް ނޫން ކަމަށެވެ.