"ކުނި ނަގަން އަންނަ ވެމްކޯގެ މުވައްޒަފުން ތަންކޮޅެއް ޒިންމާދާރުވާންވެއްޖެ." ކަސްޓަމަރަކު ބުންޏެވެ.
އޭނަގެ މި ވާހަކަ އަކީ ކުނި ނަގަން އަންނަ ބައެއް މުވައްޒަފުންގެ އަމަލުތައް ހުންނަ ގޮތުން ކުރަން ޖެހުނު ޝަކުވާއެކެވެ. މި ރޯދަ މަހުގެ ކުރީކޮޅެވެ؛ ފޭދޫން ކުނި ނަގަމުން އައި ވެމްކޯގެ މުވައްޒަފުންތަކެއް ގެއަކުން ނެގި ކުންފުނި ވެހިކަލަށް އޮއްސާލުމުގެ ތެރޭގައި ގޯނީގައި ހުރި ކުނީގެ ބޮޑުބައި އެޅުނީ މަގުމައްޗަށެވެ. އޭގައި ހުރީ ހިކި ފަތާއި ކަރުދާހާއި ކޮތަޅު ފަދަ ކުންޏެވެ.
އެ އެއްޗެހި މަގުމައްޗަށް އެޅުމުން ނަގާކަށް ވެސް ނޫޅެ، އެ މީހުން ދިޔައީ އެވެ. އެ ގޭ މީހުންނަށް ޖެހުނީ ކުނި ކަހައި ރީތިކޮށްފައި އޮތް މަގު އަލުން ކުނި ކަހާށެވެ.

"ވަރަށް ގިނައިން ފެންނަ މަންޒަރެއް މިއީ. ތަނެއްދޮރެއް ބަލާލުމެއް ނެތި ވެހިކަލާ ދިމާ އަށް ކުނި އަޅާފައި ހުންނަ އެއްޗެހި ކުނި ނަގަން އަންނަ މީހުން ހޫރާލީމަ މަގުމައްޗަށް ވެއްޓެނީ. އެ މީހުން އެކަމަކަށް އެއްވެސް ފަރުވާތެރި ކަމެއް ނުބަހައްޓާ." މީހަކު ބުންޏެވެ.
މިކަމުގެ ޝަކުވާކުރި އެހެން މީހަކު ބުނި ގޮތުގައި ގެއިން ކުނި ނަގަން އަންނަ ދުވަހެއް ވިއްޔާ، އަލުން ޖެހެނީ މަގުމަތީގައި ކުނި ކަހައި ނުވަތަ ގޯތިތެރޭގައި ކުނި ބަހައްޓާފައި ހުންނަ ތަން އަލުން ސާފުކުރާށެވެ. މި ކަހަލަ ޝަކުވާތައް ސޯޝަލް މީޑިއާގައި ފޮޓޯއާ އެކީ ވެސް ބައެއް މީހުން ހިއްސާކުރާ ތަން ފެނެ އެވެ.

"ގޯންޏެއް ނުވަތަ ޑަސްބިނެއް ނަގައިގެންދާ އިރު، އެއްވެސް ވަރަކަށް ބަލައެއް ނުލާ. އޭގައި ހުންނަ އެއްޗެހި ވައްޓަމުންދާ ތަން ފެންނަނީ،" އޭނަ ބުންޏެވެ. "އަނެއްކާ އެ މީހުން ޑަސްބިން ނޫނީ ގޯނި ވެސް އެ ނަގާ ތަނަކު ނުވެސް ބަހައްޓާ. ހުރި ހިސާބެއްއި ހުރެފައި އެ ތަކެތި ގޯތިތެރެއަށް އުކާލަނީ. އަނެއް މައްސަލަ އަކީ ފަސޭހައިން އަތުގައި ޖެހޭ ހިސާބުގައި ހުންނަ ކުނި އެކަނި ނަގައިގެން ދަނީ."
މިއީ އައްޑޫގެ ހުރިހާ އަވަށެއްގެ މީހުން ވެސް ކުރަމުންދާ ޝަކުވާތަކެކެވެ.
ވެމްކޯގެ ހިދުމަތް އާންމުން ހޯދަނީ ހިލެއަކު ނޫނެވެ. މިއީ އަތުން ހަރަދުކޮށްފައި ހޯދާ ހިދުމަތަަށްވާތީ އެ ހިދުމަތް ވީހާ ވެސް ރަނގަޅަކަށް ވެމްކޯ އިން ދޭން ޖެހެ އެވެ. "އަމާބުނީތޯ ފަރަށްދާ އުސޫލުން" މިކަން ކުރާ ނަމަ، އަދި ކުނި ނަގަން އަންނަ މުވައްޒަފުންގެ ފަރުވާ ކުޑަކަމުން އާންމުން ޝަކުވާ ކުރަން ޖެހޭ ނަމަ، މި ހިދުމަތް ދޭ ފަރާތުގައި މައްސަލަތަކެއް އެބަހުއްޓެވެ.
ވެމްކޯ އިން އެކަން ރަނގަޅުކުރަން ޖެހެ އެވެ.