Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޓޫރިޒަމް ތަރައްގީ ކުރީ ދިވެހިން، އިސް މަގާމުގައި ތިބެންވީ ދިވެހިން

މެންބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރީ ދިވެހިން ކަމަށާއި، ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ދިވެހިން ތިބެންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައިވަނީ، ރިސޯޓުތަކުގެ އިސް މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޖާބިރު ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ނުކުރެވޭނެކަމަށް ދެކުނުއިރުވެސް، ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރީ ދިވެހިން ކުރި މަސައްކަތުން ކަމަށެވެ.

ޖާބިރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް އޮންނަންޖެހޭ ފުރުސަތުތައް ޤާނޫނުގައި ކަނޑައަޅާފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި ރިސޯޓް ހިންގާ ފަރާތްތަކުން، ރިސޯޓްތަކުގެ އެކި މަގާމްތަކަށް އެހެން ގައުމުތަކުގެ ރައްޔިތުން ތަމްރީނު ކުރާއިރު، ދިވެހިންވެސް ތަމްރީނު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ހަމަގައިމުވެސް މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަކަށް އަޅުގަނޑުމެން މީހަކު އިމްޕޯޓެއް ނުކުރަން. މިހާރުވެސް ރައީސްކަން ކުރާން ބޭނުންވާލެއް ގިނަކަމުން މިއުޅެނީ އޮބިނޯވެގެން، ދިވެހިންގެ ތެރޭގައި. ކީއްވެތޯ ރިސޯޓް މެނޭޖަރަކަށް ނުލިބެންވީ މީހަކު؟" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިވެއްސަކު ކިތަންމެ މައްޗަށް ކިޔަވައިގެން އައިނަމަވެސް، ރިސޯޓެއްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ލިބޭނެކަމުގެ ޔަގީންކަން ނޯންނަ ކަމަށެވެ.

ރިސޯޓުތަކުގެ އިސް މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމަށް ގޮވާލާ ޖާބިރު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ރިސޯޓްތަކުގެ މަތީ މަގާމުތަކަކީ ކޮންމެހެންވެސް ދިވެހިން ތިބެންޖެހޭނެ މަގާމުތަކެއް ކަމަށެވެ.

ރާއްޖޭގެ 80 ޕަސެންޓް ރިސޯޓްތަކުގެ މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި 95 ޕަސެންތް ރިސޯޓްތަކުގެ އެކައުންޓްސް މެނޭޖަރަ ނުވަތަ ޗީފް އެކައުންޓެންޓްއަކީ ބިދޭސީއެއް ކަމަށް އަދި 70 ޕަސެންޓް ރިސޯޓްތަކުގެ ހިއުމަންރިސޯސް މެނޭޖަރުންނަކީ ބިދޭސީންކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

މިކަމަށް ހައްލެއް ގެނައުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހައްލެއް ގެންނަންޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި މިކަމުގައި ހައްލެއް ހޯދުމަށް މަޖިލީހުގެ މެންބަރުން ދެކޭގޮތް ހޯދުމަށްޓަކައި ގަރާރު ހުށަހަޅާ ކަމަށް ބުނެފައިވެއެވެ.