ކުރިއަށް އޮތް ފިތުރު އީދު ހަދިޔާއަކަށް މީޑިއާ ނެޓުން ބެލުންތެރިންނަށް ފިލްމު "މަރްޔަމް" ގެނެސްދޭން ނިންމައިފި އެވެ.
ދެހާސް އެކާވީހުގައި އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމުން ޕްރީމިއާކުރި މި ފިލްމު އީދު ދުވަހު އައިސް ޓީވީން ދައްކާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއީ އެ ދުވަހުގެ މެންދުރު ފަހު 1:30 ގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހު އެވެ.
އީދު ހަދިޔާއަކަށް ބެލުންތެރިންނަށް "މަރްޔަމް" ދޫކޮށްލާ އިރު، މި ފިލްމަކީ މިދިޔަ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި ފިލްމު "ބީވީމާ" ގެ ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކުރި ޕޮލިޓިކަލް ތުރިލާއެވެ.
މަރިޔަމް މަޖުދާ (މަޖޫ) ޓައިޓްލް ރޯލު ކުޅުނު ފިލްމަކީ މަޖިލިސް މެމްބަރު ކަމަށްވާ ވާދަކުރާ އަންހެނަކަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ އެއްޗެކެވެ. "މަރްޔަމް" ގެ ކާސްޓްގައި އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމު އަދި ރޯނު ހަސަން މަނިކު ހިމެނެ އެވެ.