ސިއްޙީ ދައިރާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ މެޑްޓެކް ކުންފުނިން 30 މިލިއަން ރުފިޔާ ސުކޫކެއް ވިއްކުމަށް ހުޅުވާލައިފިއެވެ.
މި ސުކޫކު ވިއްކުމަށް ހުޅުވާލާފައިވަނީ، މޯލްޑިވްސް ސްޓްކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށެވެ. މެޑްޓެކް ޑައިގްނޯސްޓިިކްސްގެ ސުކޫކު ވިއްކުމަށް ހުޅުވާލުމުގެ ހުރިހާ މަސައްކަތެއްކޮށް ލީގަލް ފްރޭމްވޯކް ތައްޔާރުކޮށްފައިވަނީ ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ހިއްސާ އޮންނަ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއިންނެވެ.
ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ބޮންޑެކޭ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.
ޖުމްލަ 30 މިލިއަން ރުފިޔާގެ މި ސުކޫކުގެ މުއްދަތަކީ 7 އަހަރެވެ. މި ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު، ނުވަ އިންސައްތަ ފައިދާ ލިބޭނެއެވެ. ސުކޫކްއަށް އިންވެސްޓް ކުރެވޭ އެންމެ ދަށް މިންވަރަކީ 10،000ރ. އެވެ. ސުކޫކް ޝަރީއާ ސެޓިފިކޭޝަން ދީފައިވަނީ އިސްލާމިކް ފައިނޭންސް ދާއިރާގައި ފުންނާބު އުސް ބޭފުޅެއް ކަމަށް ޑރ. އައިޝަތު މުނީޒާއެވެ. އޭނާ އަކީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޮޕަރޭޝަންގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރެވެ.
މިއާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޑރ. މުނީޒާ ވިދާޅުވީ މެޑްޓެކުން ދޫކުރާ މި ސުކޫކްގެ ސަބަބުން، އަމިއްލަ ކުންފުނިތަކަށް ސުކޫކް ދޫކޮށްގެން ފައިސާ ހޯދޭނެ ކަމުގެ ޔަގީންކަން ލިބި، ގިނަ އަމިއްލަ ކުންފުނިތަކަކުން އިސްލާމިކް ކެޕިޓަލް މާކެޓްގައި ބައިވެރިވެގެން ފައިސާ ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށެވެ.
މެޑްޓެކް އިން މި ސުކޫކް ވިއްކަނީ، ހުޅުމާލޭގައި އެކުންފުނިން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ހެލްތް އެންޑް ވެލްނެސް ސެންޓަރަށް ފައީސާ ހޯދުމުގެ ގޮތުންނެވެ.
ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުން ވަނީ މީގެ ކުރީން ޔޫރޯ މާކެޓިންގް އަށް ބައިނަލްއަޤްވާމީ މާކެޓުގައި 25 މިލިއަން ރުފިޔާގެ ބޮންޑެއް ވެސް ވިއްކައި ދީފައެވެ.