Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

ބަޔާން ކަޓުވާލައި ސިޓީ ސެމީ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކާއި 1-1 އިން އެއްވަރުކޮށް މުބާރާތުގެ ސެމީފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ސިޓީގެ ދަނޑުގައި ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބު ކުރީ ސިޓީންނެވެ. މުބާރާތުގެ ސެމީ އަށް ސިޓީ ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ލީޑު ނަގަން ސިޓީ އަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ނަމަވެސް ސިޓީގެ ފޯވާޑް އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މި ހާފުގައި ބަޔާނަށް ލީޑު ނަގައިދޭން ލީރޯއި ސާނޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. މި ގޯލަކީ ބަޔާންގެ ޑިފެންޑަރު އުޕަމެކާނޯ ކައިރިން ނައްޓާލައި ބަޔާންގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ހާލަންޑް ފޮނުވާލި ހަމަލާއަކުންނެވެ. މިއީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 48 ވަނަ ގޯލެވެ.

ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޔޯޝުއާ ކިމިޗް އެވެ. މި ޕެނަލްޓީ ބަޔާނަށް ލިބުނީ އެޓީމުގެ ސިޓީގެ ޑިފެންޑަރު އަކަންޖީ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

މުބާރާތުގެ ސެމީފައިނަލްގައި ސިޓީ ބައްދަލުކުރާނީ ރެއާލް މެޑްރިޑާ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވެ އެވެ. އެ ފަހަރު ސިޓީ ބަލިކޮށް ފައިނަލަށް ގޮސް މުބާރާތް ކާމިޔާބު ކުރީ ރެއާލުންނެވެ.

ސިޓީ އާއި ރެއާލް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 9 ގަ އެވެ. ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 17 ގަ އެވެ.