ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ސަލްމާން ޚާނަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ފިތުރު އީދުގައި އެ ރިލީޒްކުރުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާނަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ފިތުރު އީދާ ދިމާކޮށް ފިލްމުތައް ގެނެސްދޭން މަޝްހޫރު އެކްޓަރެކެވެ. އެގޮތުން މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދުގައި އޭނަގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ރިލީޒްކުރާނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ސަލްމާން ލައްވައި ދަރުމާ އަށް ފިލްމެއް ކުޅުން ކަރަން ބޭނުންވާތާ އެތައް ދުވަހެއް ފަހުން، ދެ ފަރާތުން މިހާރު ޕްރޮޖެކްޓަކަށް އެއްބަސްވެވިފައިވާތީ މާ ލަސްތަކެއް ނުވެ އެ ފިލްމު އިއުލާން ވެސް ކުރާނެ އެވެ. ދަރުމާގެ ފިލްމަކަށް ސަލްމާން މިހާތަނަށް ކުޅުނީ ސަޕޯޓިން ރޯލެއް ކުޅުނު 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ. ޝާހްރުކް ޚާނާއި ކާޖޮލްގެ އިތުރުން ރާނީ މުކަރްޖީ ލީޑް ކުޅުނު އެ ފިލްމަކީ ކަރަންގެ އަލަތު ޑައިރެކްޝަނެވެ.
އެ ފިލްމުގެ ފަހުން 2014 ގައި ދަރުމާގެ "ޝުއްދީ" އަށް ސަލްމާން ސޮއިކުރި އެވެ. އެކަމަކު އެއީ އެކިއެކި ސަބަބުތަކާ ހެދި ހެދުން ހުއްޓާލައި، އޭގެ ވާހަކަ ފަހުން ނުވެސް ދައްކާ ފިލްމެކެވެ. "ޝުއްދީ" ޑައިރެކްޓްކުރާ ގޮތަށް އޮތީ ދަރުމާ އަށް 2012 ގެ "އަގުނީޕަތު" އަދި މިދިޔަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ގެނެސްދިން ކަރަން މަލްއުތުރާ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސަލްމާނަށް ކަރަން ހުށަހެޅި ފިލްމުގެ ސްކްރިޕްޓާ ގުޅޭ މަޝްވަރާތަކެއް މިހާރު ކުރެވެމުން އަންނަ އިރު، ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން ވެސް މާ ލަސްތަކެއް ނުވެ އިއުލާން ކުރާނެ އެވެ.