Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ހޯރަފުށީ ބޮޓްލިން ޕްލާންޓް ހުޅުވަން ތައްޔާރު ވަނީ

ހއ. ހޯރަފުށީގައި ސަރުކާރުން ހަދަން ފެށި ބޮޓްލިން ޕްލާންޓްގެ މަސައްކަތުގެ ބޮޑު ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު މުހައްމަދު ސައީދު ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ
ބޮޓްލިން ޕްލާންޓްގެ މެޝިންތައް ވެސް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ އެ ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ބައެއް ރޯ މެޓީރިއަލް އަދި ގެނެވިފައި ނުވި ނަމަވެސް އެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ހޯރަފުށީ ބޮޓްލިން ޕްލާންޓް އޮޕަރޭޝަނަށް ގެނެސް އެތަނުން އުފައްދާ ފެން ބާޒާރަށް ނެރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ވަރަށް ތަފާތު ޕްލާންޓެއް އެއީ، އަޅުގަނޑަށް ދެންނެވޭނީ ވަރަށް ބޮޑު އިންގިލާބެކޭ އެދާއިރާއަށް އަޅުގަނޑުމެންނަށް ގެނެވެނީ. އެއީ މުޅިން އާ ޕްލާންޓެއް،" އޭނަ ވިދާޅުވި އެވެ. "ބިއްލޫރި ފުޅީގައި 1000 އެމްއެލްގެ ފުޅިއާއި 18 ލީޓަރުގެ ބޮޑު ފުޅި އަޅުގަނޑުމެން ބާޒާރަށް މި ނެރެނީ. މި ޒަމާނުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓެއް އެއީ."

ހޯރަފުށީ ބޮޓްލިން ޕްލާންޓް ހަދަން އެއްބަސްވުން ހެދީ 2020 ގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އެޗްއައިސީޑީޕީ) ގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން ހަދާ ބޮޓްލިން ޕްލާންޓަކީ ދުވާލަކު 10،000-12،000 ދެމެދުގެ އަދަދަކަށް ފެންފުޅި އުފެއްދޭނެ ތަނެކެވެ. އެ ޕްލާންޓަކީ 51،900 ޑޮލަރުގެ މަޝްރޫއެކެވެ.