ދެކުނު ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕްތަރި މޫންބިން މަރުވެއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ ފަންނާނުގެ ޚަބަރެއް ނުވެގެން އޭނަ އުޅެމުން އައި އެޕާޓްމަންޓް ބެލި ރޭ އިރު އޮތީ މަރުވެފަ އެވެ. އަދި މޫންބިންގެ ހަށިގަނޑުގެ އޮޓޮޕްސީން ދައްކާ ގޮތުގަގައި އޭނަ މަރުވީ އަމިއްލައަށެވެ. ނަމަވެސް މަރުވި ސީދާ ސަބަބުން ދެނެގުމަށް އޮޓޮޕްސީގެ އިތުރު ރިވިއުއެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.
މޫންބިންގެ މަރާ ގުޅިގެން ރެކޯޑް ލޭބަލް ފްލަންޓިއާގޯ އިން ނެރުނު ބަޔާނއްގައި ބުނީ އޭނަ މަރުވި ހާދިސާ ހިނގާފައި ވަނީ އެތަނުން ފަށާފައި އޮތް ވޯލްޑް ޓުއާ އިން ވެސް އަމިއްލަ އަށް ވަކިވެފައި ވަނިކޮށް ކަމަށާއި އެކަމާ ވަރަށް ހިތާމަކުރާ ކަމަށެވެ. އަދި އެ މަރާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް ވެސް އެތަނުން އެދިފައިވެ އެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ފިރިހެން ބޭންޑް "އެސްޓްރޯ" އާ 2016 ގައި ގުޅުމުގެ ކުރިން މޫންބިން އަކީ އެކްޓަރެއް އަދި މޮޑެލްއެއް ވެސް މެ އެވެ. "އެސްޓްރޯ" ގެ ދަށުން އޭނަ ގްރޫޕެއް ހަދައިގެން "މޫންބިން އެންޑް ސަންހާ" ގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
މި ފަހުން ދެކުނު ކޮރެއާގެ އެހެން ކޭ ޕޮޕް ތަރިންތަކެއް މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 2019 ގައި މަރުވެފައި އޮއްވައި ފެނުނު ލަވަކިޔުންތެރިޔާ/ބަތަލާ ގޫ ހާރާ އާއި ސުލީގެ އިތުރުން 2018 ގައި މަރުވި މިންވޫގެ އިތުރުން ކޮރެއާގެ އެންމެ ވަރުގަދަ ބޭންޑް ކަމަށްވާ ޝައިނީ މެމްބަރު ޖޮންގްޔޫން ހިމެނެ އެވެ. އޭނަ މަރުވީ 2017 ގަ އެވެ.