Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިދިކޮޅު ކޯލިޝަން ބައިބައި ނުކުރެވޭނެ: އާދަމް ޝަރީފު

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތް ހުއްޓުވައި އިދިކޮޅު ކޯލިޝަން ބައިބައި ވެސ ކޮށް ނުލެވޭނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެ މަސައްކަތް ހުއްޓުވާލައި ސަޕޯޓަރުން މާޔޫސްކުރުވަން ބަޔަކު ކުރާ މަސައްކަތް ކާމިޔާބު ވެސް ނުވާނެ ކަމަށެވެ.

"ޕާޓީ އާއި ލީޑަޝިޕް ބައިބައިކޮށް ރައީސް ޔާމީންގެ ސަޕޯޓަރުން މާޔޫސްކުރުމުގެ ނިޔަތުގައި ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެ." އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ދާނީ ސާބިތުކަމާއި އަޒުމާ އެކީ ކުރިއަށް ކަމަށެވެ.

"ރައީސް ޔާމީން މިނިވަންކޮށް، ޕީޕީއެމް/ޕީއެންސީ ވެރިކަމަށް ގެނައުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް، ދައްކަން ޖެހޭ ކޮންމެ ވާހަކައެއް ދައްކާނަން." އާދަމް ޝަރީފު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން އިދިކޮޅު ކޯލިޝަނުން އަންނަނީ ހުއްޓުމެއް ނެތި، ޔާމީން މިނިވަން ކުރަން ގޮވާލައި މާލޭގައި މުޒާހަރާކުރަމުންނެވެ. އެ ކޯލިޝަނުން ބުނެފައިވާ ގޮތުގައި ޔާމީނަށް އިއްވީ "ހަރާން ހުކުމެ"ކެވެ.

އަދި ޔާމީން މިނިވަން ވާނެ ކަމަށާއި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެއްބުރުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.