މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ތިލަފުށީގައި ހަދަން ނިންމާފައިވާ ބަލްކް ޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތްކޮށް ދޭން ޝަޢުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 26 އާ ހަމައަށް އޮންނާނެ ކަމަށެވެ.
އެމްޕީއެލްއިން ބުނީ ތިލަފުށީގައޮ ބަލްލް ޕޯޓެއް ތަރައްގީކުރުމުގެ ބޭނުމަކީ ބޮޑެތި ކާގޯ އުޅަނދުތަކާއި ކޮންޓެއިނަރު ކާގޯ އުފުލާ އުޅަނދުފަހަރު ބެހެއްޓޭނެ ޒަމާނީ، ވަރުގަދަ، އަދި ދެމެހެއްޓެނިވި ބަނދަރެއް ގާއިމުކުރުން ކަމަށެވެ. މި ޕޯޓްގެ ޓާމިނަލް ހާއްސަކޮށްފައި ވަނީ ހިލަ، ހިލަވެލި އަދި ދަނގަޑު ފަދަ ސާމާނު އެތެރެކޮށް، ރާއްކާކުރުމަށެވެ.
ޕޯޓްގެ ހަތް ހެކްޓަރުގެ ސަރަޙައްދެއް ހާއްސަކުރަނީ ޓާމިނަލުގެ އޮޕަރޭޝަންތަކަށެވެ. އަދި 1.4 ހެކްޓަރުގެ ސަރަޙައްދަކީ މުދާތައް ރައްކާކުރުމަށް ހަދާ ގުދަންތަކަށް ޚާއްސަ ޖާގަތަކެވެ. މި މަޝްރޫޢުގެ ދަށުން އެތަނުގައި މަގުތައް ހަދައ، ވަދެނިކުތުމަށް ޚާއްޞަ ގޭޓުތަކާއި ސެކިއުރިޓީ ޕޯސްޓްތައް ހަދާނެ އެވެ. އަދި ކާގޯ ހޭންޑްލިން އިކުއިޕްމަންޓްތަކާއި ކާގޯ ސްކޭނިން އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ކަމިޝަން ވެސް ކުރާނެ އެވެ.
އެމްޕީއެލްއިން ބުނީ އަމާޒަކީ ޓާމިނަލުގެ މަސައްކަތް ނިންމައި، މި އަހަރުގެ ތެރޭގައި އެ ތަން ބޭނުންކުރަން ފެށުން ކަމަށެވެ.