Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

މީހުންގެ އަގު ވެއްޓޭ ކަަހަލަ ކަންކަން ކޮށްގެން ނުވާނެ

އެއްވެސް މުސްލިމެއްގެ އަގުވެއްޓޭ ކަހަލަ ކަންކަން ނުކުރުމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިލްތިމާސްކުރައްވައިފި އެވެ.

"ފާފަ ފުއްސަވައި ދެއްވުމުގައި ﷲ ގެ އޯގާވަންތަވެރިކަން" މައުޟޫ އަށް ރޭ ބޭއްވި މި ރޯދަ މަހުގެ ފަހު އިހުޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީ އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފާފަނުކުރެވޭ މީހެއް ނޫން ކަމަށާއި ނަމަވެސް މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުމަށް އެދި، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށް ދެއްވާނެ ކަމަށެވެ.

އިންސާނުން ތައުބާވުމަށް މާތްﷲ އުފާފުޅުކުރައްވާ ކަމަށާއި އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ އެއްވެސް ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ސައްތާރު ވިދާޅުވި އެވެ. އަދި އެއީ މާތް ނަހީކުރައްވާފައިވާ ކަމެއްކަމަށާއި، މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބުދެއްވާނެ ކަމަށް އަންގަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަގުވެއްޓޭ ކަހަލަ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވެ ތިބެން ޖެހޭ ކަމަށާއި މާތްﷲ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ތިބުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ޑރ. ސައްތާރު ވަނީ މުސްލިމުންގެ ޢައިބު ފޮރުވުމުގެ މުހިންމުކަމާއި، ގިނަ ގިނައިން ޒިކުރުކުރުމާއި، ދުޢާކުރުމާއި ތައުބާވުމާއި، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނަށް އޯގާތެރިވުމާއި، ރަސޫލާ އަށް ޞަލަވާތްކިޔުމާއި، މަލާއިކަތުންނަށް ހެޔޮދުޢާކުރުންފަދަ ކަންތައްތަކުގައި ދެމިތިބުމަށް ނަސޭހަތްތެރިވަޑައިގެންފަ އެވެ.