Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ނަޝީދުގެ ސެކިއުރިޓީ ދަށްކުރަން ވާހަކަ ދައްކާތީ ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ދަށްކުރުމަށް ބާރުއަޅައި މަޖިލީހުގެ ދެ މެންބަރަކު ވާހަކަ ދައްކަމުންގެންދާތީ އެއީ އިތުރު ހަމަލާއެއް ދިނުމަށް ދުރާލާ ރާވަމުންދާ ރޭވުމެއްކަމަށް ޝައްކުވާކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ފުލުހުންގެ ހިދުމަތަށް ފޮނުވި ސިޓީގައި އިންތި ވަނީ ރައީސް ނަޝީދަށް މީގެކުރިންވެސް ހަމަލާއެއް ދީފައިވާކަމާއި އަދި އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކާ އޮތްމިންވަރު އެ ހަމަލާއާ ގުޅިގެން ހެދި އިންކުއަރީ ރިޕޯޓުން ހާމަވާކަން ފާހަގަކުރައްވާފައެވެ.

އިންތިގެ ސިޓީގައި ބުނެފައިވަނީ، ބޮމުގެ ހަމަލާއަށްފަހުވެސް، އަދި ސަލާމާތާ ރައްކާތެރިކަން ފޯރުކޮށްދިނުން ޤާނޫނުން ލާޒިމުކޮށްފައިވާއިރު، ސަރުކާރާ ގާތް ގުޅުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފަދަ "ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް މުހައްމަދު ނަޝީދަށް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅުހައްދަވައި އަދި އެކަން ހުއްޓުވުމަށް ބާރު އަޅުއްވާ މޭރުމުން" އެކި ފަހަރުމަތިން ވާހަކަ ދައްކަވަމުން ގެންދަވާކަމަށެވެ. އަދި އެކަމަކީ ނުބައި ރޭވުމެއް އޮތްކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ރޮޒައިނާ އަދި ޝަހީމް ހަމައެކަނި ރައީސް ނަޝީދަށް ޓާގެޓްކުރައްވައި ސެކިއުރިޓީ ފޯރުކޮށްދިނުމާމެދު ފާޑުވިދާޅުވެ ތަކުރާރުކޮށް ވާހަކަދައްކަވަންޖެހޭ ސަބަބެއް އޮންނާނެކަމަށް ދެކޭކަމަށް ސިޓީގައި ބުނެފައިވެއެވެ.

"އަދި އެގޮތަށް ވާހަކަފުޅު އެ ދައްކަވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެމަގުން މަސައްކަތް ކުރައްވައި، ސެކިއުރިޓީ ދަށްކުރުން އެބޭފުޅުންނަށް ކާމިޔާބު ވެއްޖެނަމަ، އެ މަނިކުފާނު އިތުރަށް ނުރައްކަލަށް ހުށަހެޅިގެންދާނެކަން އެބޭފުޅުންނަށް ޔަގީންވާތީކަމަށް ޤަބޫލުކުރެވެއެވެ." އިންތިގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އިންތި ވަނީ މިކަމުގެ ހަގީގަތް ބެލުމަށާއި ޖިނާއީ އަމަލެއް އެކުލެވޭނަމަ އަވަސް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.

އިއްޔަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް މެންބަރު ޝަހީމް ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ކުރާ ހަރަދުގެ ވާހަކަ ތަކުރާރު ކުރައްވާ، ބޮޑު ހަރަދެއް ކުރާ ވާހަކަ ދައްކަވާފައެވެ. އެކަމުގެ ސަބަބުން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންގެ ފާޑުކިޔުން ޝަހީމަށް އަމާޒުވިއެވެ.