މިހާތަނަށް އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް ގިނަ ޕްރޮގްރާމް މި ރަމަޏޟާން މަހު ހިންގިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވިގެން ދިޔަ އެންމެ ފަހު އިޙްޔާ ފޯރަމުގައި، ޝުކުރު އަދާ ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ފޯރަމްތައް ގެނެސްދެވުނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ކަމަށެވެ. އެގޮތުން މި ފޯރަމްތަކުގައި އިލްމުވެރިން ވަގުތު ހުސް ކޮށްދެއްވައި މައުލޫމާތު ފޯރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރެއްވިއެވެ.
މިއަހަރު ރަމަޟާން މަހުގެ ރޭތަށް އިހްޔާ ކުރުމުގެ ގޮތުގައި އަތޮޅު ތެރޭ އަދި މާލޭގައިވެސް ފޯރަމްތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ބޮޑެތި އާބާދީ އޮތް ރަށްރަށުގައި އަތޮޅު ތެރޭގެ ފޯރަމްތައް ބޭއްވިގެން ދިޔައެވެ. މިނިސްޓަރ ވިދާޅުވި މި ފަހަރުގެ ޕްރޮގްރާމްތަކަކީ މީގެ ކުރީން އެއްވެސް ސަރުކާރަކުން ނުބާއްވާ ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކަމަށެވެ.
" މިހާތަނަށް ރަމަޟާން މަހެއްގައި އެންމެ ގިނަ ޕްރޮގްރާމް، އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް ގިނަ ޕްރޮގްރާމްތަކެއް އަޅުގަނޑުމެންނަށް ހިންގުނު ކަން އަޅުގަނޑު އުފަލާއި އެކު ފާހަގަ ކުރަން. " ޑރ. ޒާހިރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަހަރު ޖުމްލަ 20 އިހްޔާ ފޯރަމެއް ވަނީ ބާއްވާފައެވެ. އެއީ މާލޭގައި 9 ފޯރަމާއި އަތޮޅު ތެރޭގައި 7 ފޯރަމެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޫލްތަކަށް 4 ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މިއަހަރު ކޮލެޖްތަކާއި ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން މިނިސްޓްރީ ފަރާތުން ވަނީ ޤުރުއާން މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މިނިސްޓަރ ވިދާޅުވީ، މި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވުނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ ލަފާގެ މަަތިން ކަމަށާއި، ނައިބް ރައީސް ފައިސަލް ނަސީމްވެސް މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވައި އިސްލާހުތަކެއް ގެންނަން ޖެހޭ ކަންކަމުގައި ލަފާ ދެއްވާފައިވާ ކަމަށެވެ.