ބޮލީވުޑްގެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ އަންހެނުން ޕަމޭލާ ޗޯޕްޅާ މަރުވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި އޭނަ މިއަދު ހެނދުނު މަރުވީ ބަލިވެގެން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭތާ 15 ދުވަސް ފަހުންނެވެ. ޕަމޭލާ މަރުވި ވާހަކަ އާއިލީ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހިއްސާކޮށް ބުނީ ޕަމޭލާގެ ޖަނާޒާ މިއަދު ހެނދުނު 11:00 ގައި ބާއްވާފައިވާ ކަމަށެވެ.
އޭނަ އަކީ ފިރިމީހާ ޔާޝް ޑައިރެކްޓްކުރި ބައެއް ފިލްމުތަކަށް ވާހަކަ ލިޔެ، ލަވަ ކިޔައި ކޮސްޓިއުމް ޑިޒައިނިން ވެސް ހަދާފައިވާ މީހެކެވެ. ލޯބީގެ ފިލްމުތައް ހަދައިގެން "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ޔާޝްގެ އަންހެނުން މިއަދު މަރުވި އިރު، ރީތި އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ވަނީ 2012 ގައި މަރުވެފަ އެވެ.
ޔާޝް އާއި ޕަމޭލާ އަށް ލިބިފައި ވަނީ ދެ ކުދިންނެވެ. އޭގެ ތެރެއިން އެކަކީ ވައިއާރްއެފް ހިންގުމުގެ ޒިންމާ ނަގަމުން އަންނަ އަދި ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އާއި އެކްޓަރު އުދޭ ޗޯޕްޅާ އެވެ.
އަދިތިޔާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.