Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ފުނައްޑޫ މިފްކޯއާ ހަވާލުކޮށްފި

މަސްވެރިކަމާ ގުޅޭ މަސައްކަތްތަކަށް ދޫކޮށްފައި އޮތް ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގަން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ކުއްޔަށް ފިޝަރީޒް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އެގޮތުން އެކަމަށް ކުރަން ޖެހޭ މަސައްކަތްތައްކަށް ބޭނުންވާ ލިބުނުހާ އަވަހަކަށް އެ ތަނުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތަކަށް 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ޖެހޭ ކަމަށް މިފްކޯއިން ބުންޏެވެ. އެގޮތުން ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބުންޏެވެ. އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ވެސް ހަރަދުވާނެ އެވެ.

ކުރިން އަމިއްލަ ފަރާތަކުން ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސްގަނެ އެތަނުގައި އެކްސްޕޯޓްކުރަން ފެށީ 2004 ގަ އެވެ. ނަމަވެސް ރަށް ތަރައްގީކުރަން ނެގި ލޯނެއް ނުދައްކައިގެން ޖެހުނު މައްސަލަތަކެއްގައި ރަށުގައި ކުރަމުން އައި މަސްވެރިކަމާއި ގުޅޭ މަސައްކަތްތަކެއް އޮތީ ހުއްޓިފަ އެވެ.

ފުނައްޑޫ ސަރުކާރަށް ނެގީ އެ ރަށް ހިންގި ފަރާތުން ބޭންކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު އެވެ.