ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރުތުތަކަކާއިއެކު ގދ. ތިނަދޫ ކައުންސިލުން ހާއްސަ ގިންތި ތަކެއް ކަނޑައަޅައި ބަނޑާރަ ގޯތި ދިނުމަށް އިއުލާންކޮށްފިއެވެ.
ތިނަދޫ ކައުންސިލުން އިއުލާންކޮށްފައިވަނީ އެ ރަށުން 150 ގޯތި ދޫކުރުމަށެވެ. އެގޮތުން 3 ގިންތި އަކުން "ކޮންޑިޝަނަލް ގޯތި" ދޫކުރުމަށް އިއުލާންކޮށްފައިވާއިރު، އެގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ގޮތުގައި ކަނޑައަޅާފައިވާ ގިނަ ހުސްބިންތަކެއް ހުރުމުގެ ސަބަބުން، އެ ބިންތަކަކީ ކޮންޑިޝަނަލް ގޯތީގެ ގޮތުގައި އިމާރާތްކޮށް ތަރައްގީ ކުރުމަށް ދޫކުރެވޭ ބިންތަކެއް ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.
ތިނަދޫއިން ދޫކުރަން ނިންމާފައިވަނީ 1500 އަކަފޫޓާއި 2000 އަކަފޫޓާއި ދެމެދު ބިން ތަކެއް ކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
މިގޮތުން ތިނަދޫ ކައުންސިލުން ގޯތި ދޫކުރުމަށް އިއުލާންކޮށްފައިވާއިރު، ތިނަދޫގެ ދަފްތަރު ހިމެނޭހެން ތިނަދޫ ރައްޔިތުންނަށް ހާއްސަކޮށްގެން 70 ގޯތި ދޫކުރުނާއެވެ. އަދި ރަށުން ބޭރުން ތިނަދޫއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް 66 ގޯތި ވަނީ ހާއްސަކޮށްފައެވެ. ބާކީ 14 ގޯތި ދޫކުރަނީ ކަނޑައެޅޭ ވަކި ހާއްސަ ގިންތިތަކަށެވެ. އެގޮތުން އެކަނިވެރި މައިންނާއި ބަފައިންނަށް 5 ގޯތި، ތިނަދޫގައި ވިޔަފާރިކުރަމުންދާ ރަށުން ބޭރު ފަރާތްތަކަށް 3 ގޯތި، އަދި ތިނަދޫގައި އިންވެސްޓްކޮށްގެން މަސައްކަތް ކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް 6 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ ތެރެއިން ރަށުން ބޭރު ފަރާތްތަކަށް ގޯތި ލިބޭތާ 1 މަސް ދުވަސްތެރޭ އެފަރާތެއްގެ އަނބިމީހާ/ފިރިމީހާ އަދި 18 އަހަރު ނުވާ ދަރިން ތިނަދޫއަށް ރެޖިސްޓްރީ ބަދަލު ކުރަން ޖެހެއެވެ. އަދި ގޯތީގެ އެއްބަސްވުމުގައި ސޮއިކުރާ ތާޜީހުން ފެށިގެން 5 އަހަރު ތެރޭ ދިރިއުޅޭ ފެންވަރަށް ތަރައްޤީވާން ޖެހެނޭއެވެ. މިކަމަށްޓަކައި ތިނަދޫ ކައުންސިލާއި އެފަރާތާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.
އެގޮތުން އެމުއްދަތުގެ ތެރޭގައި މަދުވެގެން ކޮޓަރިއަކާއި ފާޚާނާ، ބަދިގެ ރާނައި ހިޔާކުރުމުގެ އިތުރުން މަގުގެ އިންފާރު ރާނައި މަގާވީ ފަޅިން ސިމެންތިޖަހާ ކުލަލައި ގޭގެ ނަންބޯޑު ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ކައުންސިލުން ކޮންޑިޝަނަލް ގޯތި ދޫކުރުމުގެ އުސޫލުގައި ވެއެވެ. މިމުއްދަތުގެ ތެރޭގައި ދިރިއުޅެވޭ ފެންވަރަށް ތަރައްގީކުރެވިފައި ނުވާނަަމަ، އެވަގުތަށް ކޮށްފައިވާ އިންވެސްޓްމަންޓާއެކު ބަދަލު ދިނުމަކާ ނުލައި ބިން ވަކިކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ.
ތިނަދޫ ކައުންސިލުން ބުނި ގޮތުގައި ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތަރީހަކީ މިއަންނަ ޖޫން މަހުގެ އެއްވަނަ ދުވަހެއެވެ. މިއަދުން ފެށިގެން ފޯމު ދޫކުރަން ފެށިނަމަވެސް ފޯމް ބަލައިގަންނަ ތަރީހަކީ އަންނަ މޭއި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.