ކަރަންޓް ބިލްތައް ބޮޑުވާ މައިގަނޑު ސަބަބަކީ އޭސީ ކަމަށާއި އޭސީ ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ފެބްރުވަރީ، މާރިޗު، އޭޕްރިލް އަދި މެއި މި ހަތަރު މަހަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސްތަކެއް ކަމަށްވުމާއެކު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެ އެވެ. މި ދުވަސްވަރު ކަރަންޓު ޚަރަދު ކުޑަކުރުމަށް އިތުރަށް ސަމާލުކަން ދިނުމަކީ ކަރަންޓު ބިލް ކުޑަކުރުމަށްޓަކައި އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.
އެގޮތުން އާއްމު ދިރިއުޅުމަށް ގިނަ ގޭގޭގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތަކުގެ ތެރެއިން އޭސީ އަކީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އެންމެ ޚަރަދުބޮޑު އެއް ވަސީލަތް ކަމަށާއި އޭސީ ބޭނުންކުރާ ނިސްބަތް މަދުކުރުމަކީ ކަރަންޓު ބިލް ކުޑަކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ އިން ވަނީ އޭސީއިން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އޭސީގެ ފިނިހޫނުމިން 25°C އަށްވުރެ ދަށްނުވާނެހެން ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އޭ.ސީ ކޮށްފައި ހުންނަ ތަންތަނުން އޭ.ސީގެ ވައި ބޭރަށް ދައުރުވާނަމަ، އޭ.ސީއަށްދާ ޚަރަދު އިތުރުވާނެ ކަމަށާއި އޭ.ސީ ބޭނުންކުރާ ވަޤުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.
އޭ.ސީގެ ފިލްޓަރ ގަވައިދުން ސާފުކުރުމަކީ އޭ.ސީއިން ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށްދޭނެ ކަމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އަވަސް އަވަހަށް އޭ.ސީ ނިއްވާފަ އަލުން ޖެއްސުމަކީ އޭ.ސީ އަށް މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށްވާއިރު 30 މިނިޓަށްވުރެ މަދު ވަޤުތުކޮޅަކަށް ބޭރަށް ދާނަމަ، އޭ.ސީ ނިއްވާނުލާ ބެހެއްޓުން ރަނގަޅެވެ.
މީގެއިތުރުން ގޭގައި ބޭނުންކުރާ ދޮންނަ-މެޝިން، އައިސް އަލަމާރި، ޓީ.ވީ ފަދަ ކަރަންޓު ވަސީލަތްތައް ގަންނަ އިރު، އެނަރޖީ އެފިޝަންޓް މޮޑެލް އިޚްތިޔާރުކުރުމުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކުރެވި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ އެވެ. އަދި ބޮކި ގަންނައިރު، އެނަރޖީ ސޭވިންގ ލައިޓް އިޚްތިޔާރުކުރުމުން ކަރަންޓު ބޭނުންކުރާ ނިސްބަތް މަދުވާއިރު އެނަރޖީ ސޭވިންގ ލައިޓް ގަތުމަށް އިސްކަންދިނުން ވެސް މުހިއްމެވެ.
ގޭގައި ބޭނުންކުރާ ކަރަންޓު ވަޞީލަތްތައް ބޭނުން ނުޖެހޭ ވަޤުތުތަކުގައި ނިއްވާލަން އަދާކުރަންޖެހޭއިރު އިސްތިރިކުރާއިރު، ޚަރަދުކުޑަވާނެ ގޮތް އިޚްތިޔާރު ކުރުން ވެސް މުހިއްމެވެ. އެގޮތުން ހަފްތާގެ ކޮންމެ ދުވަހަކު، އަދި ދުވާލަކު އެތައް ފަހަރަކު އިސްތިރިކުރުމުގެ ބަދަލުގައި ހަފްތާއަކު އެއްފަހަރު އިސްތިރިކޮށް ނިންމާލުމުން ކަރަންޓަށް ކުރާ ހޭދަ މަދުކުރެވިދާނެ އެވެ.