Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

އޮޅިގެން އެންގުނީ "ބައިސްކޯފު" ހުއްޓާލަން

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަދި މިހާރު ރާއްޖޭގެ އެންމެ ގިނަ ކޮންޓެންޓްތައް އެއްކާތުން ބަލާލެވެން ހުރި "ބައިސްކޯފު" އެޕް ހުއްޓައިލަން ބްރޯޑްކާސްޓިން ކޮމިޝަނަށް އޮޅުމަކުން އެންގިއްޖެ އެވެ.

އެ ކޮމިޝަނުން މިފަދަ އެންގުމެއް އެންގުމާ ގުޅިގެން ބައެއްގެ މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

މިކަމާ ގުޅިގެން ބްރޯޑްކޮމުން ބުނީ "ބައިސްކޯފު" އަށް އަންގަން ބޭނުންވީ އޭގައި ހިމެނޭ ކޮންޓެންޓްތަކެއް ރީބްރޯޑްކުރާތީ އެ މައްސަލަ ކަމަށެވެ. ނަމަވެސް ފޮނުވި ސިޓީގައި އޮޅުމަކުން ބައިސްކޯފު ހުއްޓައިލަން އެންގިފައިވާތީ އެކަން މިހާރު އިސްލާހުކޮށްފައިވާ ކަމަށް ބުންޏެވެ.

"ބައިސްކޯފު" އަކީ 2018 ގައި ލޯންޗްކުރި ޕްލެޓްފޯމެކެވެ. މީގައި މިހާރު ދިވެހި އެތައް އުފެއްދުމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ފިލްމާއި ޑްރާމާތަކާއި ތަފާތު އެކި ކަހަލަ ޝޯތަކާއި ޑޮކިއުމަންޓަރީތަކާއި ލަވަތަކާއި އޯޑިއޯބުކް ފަދަ އެތައް ކޮންޓެންޓެއް ހިމެނެ އެވެ.

"ބައިސްކޯފު" އިން މިހާތަނަށް އެތައް ސީރީޒެއް ވެސް ޕްރީމިއާކޮށްފައިވާ އިރު، އެހާރާއި މިހާރުގެ ބައެއް ފިލްމުތައް ވެސް އެއިން ބަލާލެވެން އެބަހުއްޓެވެ.

މި ޕްލެޓްފޯމަށް ދެން އެންމެ އަވަހަށް އަންނަން އޮތް ސީރީޒަކީ މި މަހުގެ 24 ގައި ޕްރީމިއާކުރާ "ޔާރާ" އެވެ.