Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ކުޅެން ބޭނުންވީ އެންމެ ފިލްމެއް: ޕޫނަމް

ކުޅެން ބޭނުންވީ އެންމެ ފިލްމެއް ކަމަށާއި ފިލްމީ ކެރިއަރެއް ބިނާކުރުމަކީ ފުރަތަމަ ބޭނުންވި ކަމެއް ނޫން ކަމަށް ބޮލީވުޑްގެ ކުރީގެ ބަތަލާ ޕޫނަމް ދިލަން ހިމެނެ އެވެ.

އަށްޑިހައިގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނުނު އަދި މިހާރު އުމުރުން 61 އަހަރުގެ ބަތަލާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ 1978 ގެ "ޓްރިޝޫލް" ކުޅުނު އިރު އޭނަ އުޅުނީ ސްކޫލްގައި ކިޔަވަން ކަމަށެވެ.

ޕޫނަމް ބުނި ގޮތުގައި އެ ފިލްމުން ލިބުނު ފުރުސަތުގެ ބޭނުން ހިފީ "އެޑްވެންޗާއެއް" ގެ ގޮތުގަ އެވެ. އަދި ގިނަ ތަރިންތަކެއް ހިމެނުނު ފިލްމުން ފުރުސަތު ލިބުމުން އެންމެ އުފާވި ކަމަކީ އޭގެ ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނުން ކަމަށް ޕޫނަމް ބުންޏެވެ.

"އޭރަކު ވިސްނުމަކު ނެތް ކޮންމެހެން ޕްރޮފެޝަލް ބަތަލާއަކަށްވާކަށް. އެޑްވެންޗާއެއްގެ ގޮތަށް ޓްރިޝޫލް ކުޅުނީ،" ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާ ބުންޏެވެ. "އެ ފިލްމު ކުޅުނު އިރަކު ފިލްމީ ދާއިރާއާ ބެހޭ އެއްވެސް ކަމެއް ނުވެސް އެނގޭ. ފިލްމު ހެދުމަކީ ކޮން ކަހަލަ ކަމެއް ކަމަށް ވެސް ނޭނގޭ."

ޕޫނަމް ބުނި ގޮތުގައި "ޓްރިޝޫލް" ކުޅެފައި އަލުން ކިޔެވުމަށް ރުޖޫއަވެ، ކޮލެޖަށް ދާން ފެށިތަނާ އަނެއްކާ ވެސް ޔާޝްގެ ފަރާތުން އިތުރު ފިލްމެއްގެ ފުރުސަތު ލިބުނެވެ. އެއީ 1979 ގެ "ނޫރީ" އެވެ.

"އެ ހިސާބުން އަނެއްކާ ވެސް ކޮލެޖް ދޫކޮށްލަން ޖެހުނީ. އަދި ފިލްމު ކުޅެން ހުސްވީ." ޒުވާން ދެ ކުދިން ތިބި ޕޫނަމް ބުންޏެވެ.

އޭނަގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޔެ ވާދާ ރާހާ"، "ސަމަންދަރު"، "ސޯނީ މަހިވާލް"، "ނާމް"، "ދަރުދު" އަދި "ތޭރީ މެހެރުބާނިޔާ" ހިމެނެ އެވެ. ޕޫނަމަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކާއި ވެބް ސީރީޒްތަކުން ފެންނަ ބަތަލާއެކެވެ.

ޕޫނަމްގެ ކެރިއަރުގެ ރަންޒަމާނުގައި އޭރުގެ އެންމެ މަޝްހޫރު ގިނަ އެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އޭނަ އާއި ފިލްމު ޕްރޮޑިއުސަރު އަޝޯކް ތަކޭރިއާ ކައިވެނިކުރީ 1988 ގަ އެވެ. އެކަމަކު އެ ކައިވެނި ވަނީ 1997 ގައި ރޫޅިފަ އެވެ.

ޕޫނަމާއި އަޝޯކްގެ ދަރިންނަކީ 2021 ގެ ފިލްމު "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އިން އެކްޓިން އަށް ނުކުތް އަންމޯލް ތަކޭރިއާ، 27، އާއި މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ޕަލޯމާ ތަކޭރިއާ، 28، އެވެ. އޭނަ ބޮލީވުޑަށް ނުކުންނާނީ މަންމައާ އެކީ "ސަމަންދަރު" ކުޅުނު އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ރަޖްވީރު ޑިއޯލްއާ އެކީގަ އެވެ.