ޔުކްރޭނާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އޮޅިގެން އަމިއްލަ ގައުމުގެ ސިޓީއަކަށް ބޮން އަޅައިފި އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި ރަޝިއާގެ ފައިޓަރު ޖެޓަކުން "އޮޅިގެން" ރޭ އިރާކޮޅު ބޮން އެޅުނީ ޔުކްރޭންގެ ބޯޑަރާ ކައިރީގައިވާ ސިޓީއެއް ކަމަށްވާ ބެލްގޮރަޑްއަށެވެ. ބޮމުގެ މި ހަމަލާގެ އަސަރު އެ ސިޓީގެ 20 މީޓަރުގެ ސަރަހައްދަކަށް ކޮށް އެތައް އިމާރާތެއް ހަލާކުވެ، ދެ މީހަކު ޒަހަމްވެފައިވެ އެވެ. އަދި މަގުތައްމަތީގައި ހުރި ވެހިކަލްތަކެއް ވެސް ހަލާކުވެފައިވެ އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އޮޅިގެން ބޮން އެޅުނީ ސޫ-34 ފައިޓަރު ޖެޓަކުންނެވެ.

މި ހާދިސާއާ ބެހޭ ގޮތުން ބެލްގޮރަޑްގެ ރީޖަނަލް ގަވަރުނަރު ވިއަޗެސްލާވް ގްލަޑްކޯވް ވިދާޅުވީ ހާދިސާގެ ސަބަބުން ސިޓީގެ ރައްޔިތުންނަށް ބޮޑު ޝޮކެއް ލިބި، ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ކަމާބެހޭ ފަރާތްތަކުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބެލްގޮރަޑް އަކީ 370،000 މީހުންގެ އާބާދީއެއް އުޅޭ ސިޓީއެކެވެ. އަދި މި ސިޓީ އޮންނަނީ ޔުކްރޭނުގެ ބޯޑަރާ 25 މޭލު ދުރުގަ އެވެ.