އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން 3-3 އިން އެއްވަރުވެ އާސެނަލް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.
މި މެޗު އެއްވަރުވުމުން ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 75 ޕޮއިންޓާ އެކު އެވެ. އާސެނަލަށް ވުރެ ދެ މެޗު މަދުން ކުޅެ ލީގުގެ ދެވަނައިގައި 70 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި ބާކީ ދެން ކުޅޭ ހުރިހާ މެޗަކުން މޮޅުވެއްޖެ ނަމަ ލީގު ތަށި ލިބޭނީ ސިޓީ އަށެވެ. ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ވެސް ސިޓީއާ އެވެ.
މިއީ ލީގުގައި އާސެނަލް ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ. މީގެކުރިން އެޓީމު ވަނީ ލިވަޕޫލް އަދި ވެސްޓްހަމް ޔުނައިޓެޑް އަތުން ވެސް އެއްވަރުވެފަ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ ސައުތެމްޓަން އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސައުތެމްޓަންގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކާލޯސް އަލްކަރާޒް އެވެ. އަދި މެޗުގެ 14 ވަނަ މިނެޓްގައި ސައުތެމްޓަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އާސެނަލަށް ކުރިން ކުޅުނު ތިއޯ ވޮލްކޮޓް އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެބްރިއަލް މާޓިނެއްލީ އާސެނަލަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ 66 ވަނަ މިނެޓްގައި ކަލޭޓާ ކާ ވަނީ ސައުތެމްޓަންގެ ދެ ގޯލުގެ ލީޑު އަނެއްކާވެސް ދަމަހައްޓައިދީފަ އެވެ. މި ގޯލާއެކު އާސެނަލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު އިރު އާސެނަލްގެ ދެވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި އޭގެ ދެ މިނެޓް ފަހުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ސައުތެމްޓަންގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ރީސް ނެލްސަން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
އާސެނަލް އާއި ސިޓީ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.