ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހޮލީވުޑްގެ އެޖެންސީއަކާ އެކީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލައިނުން ބުނި ގޮތުގައި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ ފިލްމު ކުންފުނި، ބަންސާލީ ޕްރޮޑަކްޝަނުން ސޮއިކޮށްފައި ވަނީ ޑަބްލިއުއެމްއީ ވިލިއަމް މޮރިސް (އެންޑީވާ) އެކީގަ އެވެ. މި އެޖެންސީ ގުޅިފައިވާ މަޝްހޫރު ތަރިންތަކުގެ ތެރޭގައި ބެން އެފްލެކާއި މެޓް ޑޭމަން އާއި ކްރިސްޓިއަން ބޭލް، ކޭޓް ބެކިންސޭލް އަދި ޖެސިލާ އަލްބާ ފަދަ ތަރިން ހިމެނެ އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި ޑަބްލިއުއެމްއީއާ އެކީ ހެދި އެއްބަސްވުމުގެ ދަށުން ބަންސާލީ އަށް ހޮލީވުޑުން ފުރުސަތުތަކެއް މަގުފަހިވެގެން ދާނެ އެވެ. އޭގެ ތެރޭގައި އޭނަގެ ފިލްމުތައް އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި މިހާރަށް ވުރެ ފުޅާކޮށް ހިއްސާވުމުގެ ފުރުސަތާއި ފިލްމު ހެދުމުގެ ތެރެއިން ބޭނުންވާ އެކިއެކި އެހީތެރިކަން ވެސް ހިމެނެ އެވެ.
ބަންސާލީ މިފަދަ އެއްބަސްވުމެއްގެ ސޮއިކުރުމުގެ ކުރިން އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ އެސްއެސް ރާޖަމޯލީ ވެސް ހޮލީވުޑްގެ އެޖެންސީއަކާ އެކީ ދާދި ފަހުން ސޮއިކޮށްފައިވެ އެވެ. އޭނަ އަކީ "އާރްއާރްއާރް" އާއި "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރެވެ.
ބަންސާލީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އަދި އޭނަ މިހާރު އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން "ހީރާމަންޑީ" ގެ ނަމުގައި ވެބް ސީރީޒެއް ވެސް ހަދަމުންނެވެ. އޭގެ މަސައްކަތް ނިންމައިލުމަށް ފަހު، ބަންސާލީ ޑައިރެކްޓްކުރަން އޮތް ފިލްމަކީ "ބައިޖޫ ބަވްރާ" އެވެ.
އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޕަދުމާވަތު"، "ބަޖިރާއޯ މަސްތާނީ"، "ރާމް-ލީލާ"، "ދޭވްދާސް" އަދި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފާހަގަކޮށްލެވެ އެވެ.