އަލަތު ދަރިފުޅަށް ބަލިވެއިން ނަމަވެސް ފާއިތުވި ރޯދަ މަހުގެ ހުރިހާ ރޯދައެއް ވެސް ހިފުނުކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރާ ކަމަށް ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ޚާން ބުނެފި އެވެ.
މުފްތީ އަނަސް ސައްޔިދާ 2020 ގައި ކައިވެނިކޮށް ދިރިއުޅުމަށް ބޮޑު ހެޔޮ ބަދަލެއް ގެނައި 36 އަހަރުގެ ސަނާ ބުނި ގޮތުގައި ބަލިވެއިނދެ ރޯދަ ހިފަން ފުރަތަމަކޮޅު ވަރަށް ޖެހިލުންވި އެވެ. އަދި އޭނަ އަށް އެކަން ކުރެވިދާނެކަމާ ދޭތެރޭ ފިރިމީހާ އާއި އާއިލާ އިން ވެސް ޝައްކުކުރި ކަމަށް ބުންޏެވެ.
"ބަލިވެއިނދެ އަހަރެން ރޯދަ ހިފަން ގަސްތުކުރީމަ އެ މީހުން ވެސް ތަންކޮޅެއް ބިރުން އުޅުނީ. އެކަމަކު ދެ މީހުންގެ ރޯދަ އެއްކޮށް ހިފައި ނިންމާލެވުނީ އެއްވެސް މައްސަލައެއް ދިމާނުވެ ވަރަށް އޮމާންކަމާ އެކީ،" ބަނޑަށް ހަ މަސްވެފައިވާ ސަނާ ބުންޏެވެ. "އެހާ އޮމާންކޮށް އެކަން ދިޔައިމަ ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަން."
ސަނާ ބުނި ގޮތުގައި ރޯދަ މަސް ދިޔައީ ވަރަށް އުފާވެރިކޮށެވެ. އެގޮތުން ނަމާދު ކުރުމާއި ގިނަ ވަގުތު ޤުރުއާން ކިޔަވައި މީހާގެ އީމާންތެރިކަން އިތުރު ކިރަން ރޯދަ މަހަކީ ކޮންމެ މުސްލިމަކަށް ވެސް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.
"ރޯދަ މަހުގެ ވަރަށް ގިނަ ވަގުތު އަޅުކަމަށް ހުރަސް ކުރެވުނު. އެކަމާ ވަރަށް އުފާކުރަން." ފިތުރު އީދުގެ ތަހުނިޔާ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނަށް ފޮނުވައި ސަނާ ބުންޏެވެ.