"ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ކުރިމަތިލާން ދިން މުއްދަތު އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ޓޫރިަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ މިކަމަށް ކުރިމަތިލާން ވީހާ ވެސް ގިނަ ރަށްރަށަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ އދ. ގެ ޓޫރިޒަމާ ބެހޭ މައި އިދާރާ، ޔޫއެންޑަބްލިއުޓީއޯގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމަށް އާބާދީގައި 15،000 ހަމަ ނުވާ ކޮންމެ ރަށަކަށް ވެސް ކުރިމަތި ލެވޭނެ އެވެ.
Ministry of Tourism opens invitations to community-based tourism islands in the Maldives, for "Expression of Interest" to join the "Best Tourism Villages 2023" – a community-based tourism initiative by @UNWTO, as candidates from Maldives. pic.twitter.com/EbcMSmopBx
— Ministry of Tourism (@MoTmv) April 13, 2023
"ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" ގައި ވާދަކޮށް ކާމިޔާބު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ރަށްތަކާ އެކީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ ރަށްފުށުގެ ކުރިއެރުމާއި ތަރައްގީ އަށް އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ ވަސީލަތްތުގައި ޓޫރިޒަމް ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ރަށްފުށުގެ ޓޫރިޒަމަށް އަމާޒުކޮށް ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ދެހާސް އެކާވިސް ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 40 ގައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި ރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އާދެ އެވެ.
"ބެސްޓް ޓޫޒަމް ވިލެޖެސް" އަކަށް ހޮވިއްޖެ ނަމަ، އެ ނެޓްވޯކްގެ އެހެން އަވަށްތަކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވުމަށް އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ފުރުސަތު ފަހިވެ އެވެ.