ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ އެކައުންޓަކުން ކުންފުނީގެ މުވައްޒަފުންނަށް ނުހައްގުން ފްލެޓްތަކެއް ބަހައިފި ކަމަށް ބުނެ ދައުރު ކުރަމުންދަނީ ފޭކް ލިސްޓެއް ކަމަށް، އާބަންކޯއިން ބުނެފިއެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން ޔުނިޓް، އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލުމާއިބެހޭ ގޮތުން 20 އޭޕްރިލް 2023 ވަނަ ދުވަހު ހުރިހާ މުވައްޒަފުންނަށް ވަނީ މެމޯއެއް ފޮނުވާފައެވެ. މިމެމޯގައިވާ ގޮތުން ކުންފުނީގެ ބޯޑު މެންބަރުންނާއި އެކު މުވައްޒަފުންނަށް ފްލެޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.
މިއާއި ގުޅިގެން ސޯޝަލް މީޑިއާގައި މެމޯއާއިއެކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި، މެނޭޖްމެންޓް ހިމެނޭގޮތަށް 34 ފްލެޓް ބެހުމަށް ނިންމާފައިވާ ކަމަށް ކާކުކަން ނޭނގޭ “ހަސަން ކުރުސީ” އެކައުންޓުން ވަނީ، ބުނެފައެވެ. އަދި މިއީ ސީދާ ކޮރަޕްޝަނުން ހިންގާ އަމަލެއް ކަމަށް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އެކުންފުނިން ނެރުނު ނޫސް ބަޔާނުގައކ ބުނީ، މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލި ޔުނިޓްތަކަކީ ހުޅުމާލޭގައި ބޯހިޔާ ވަހިކަމުގެ މަޝްރޫއު ހިންގުމަށް، އެކުންފުނިތަކަށް ދިން ބިމުގެ ބަދަލުގައި، އެއްބަސްވުމުގެ ދަށުން ލިބިފައިވާ ފްލެޓްތައް ކަމަށެވެ. އަދި 4 މަޝްރޫއަކުން ލިބިފައިވާ ފްލެޓްތައް މިދިޔަ އަހަރު ހިންގި ސްޓާފް ހައުސިން މަޝްރޫއުގެ ތެރެއިން އެންޑް ޔޫޒަރ ފައިނޭންސިންގް މޮޑެލްގެ ދަށުން ވިއްކުމަށް ހުޅުވާލި ކަމަށެވެ.
ނަމަވެސް ހުރިހާ ފްލެޓެއް ނުވިކޭ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެ ސްކީމަށް އަހަރެއްވީއިރު ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން ތިބިކަމަށް އެކުންފުނިން ބުނެއެވެ.
“ އެހެންނަމަވެސް ޔުނިޓްތަކަށް އެދި ކުރިމަތިލި ފަރާތްތަކަށް ފުރުސަތުދީ ނިމުނުއިރު ބައެއް ޔުނިޓްތައް ވަނީ ނުވިކިއެވެ. އެގޮތުން ބައެއް މުވައްޒަފުން ޔުނިޓުތައް ދޫކޮށްލާފައިވާތީ އާއި، ބައެއް މުވައްޒަފުންގެ ޝަރުތުހަމަ ނުވާތީ 34 ޔުނިޓެއް ވަނީ ބާކީވެފަ “ އާބަންކޯއިން ބުނިއެވެ. “ އަދި މިފަހަރު ހުޅުވާލެވޭ މި ދެންނެވުނު 34 ޔުނިޓު ގަތުމަށް 800 އަށް ވުރެއް ގިނަ މުވައްޒަފުން ޝަރުތުހަމަވާކަން ފާހަގަކުރަން “
މި ޔުނިޓްތައް ވިއްކަނީ، މުވައްޒަފުންނަށް އައު ފުރުސަތެއް ދިނުމަށާއި، އެކޯޕަރޭޝަންގެ މަޝްރޫއުތަކަށާއި، ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ ކަމަށް، އާބަންކޯއިން ވަނީ ބުނެފައެވެ. އަދި ޔުނިޓްތައް ވިއްކަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، މިކަން ކުރާނީ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށް ކަމަށް އާބަންކޯއިން ފާހަގަ ކުރެއެވެ. މިއާއެކު ދެން އެއްވެސް ޔުނިޓެއް ބާކީވެއްޖެ ނަމަ، އާންމުންނަށް ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިމައްސަލާގައި ކުންފުނީގެ އިސްވެރިންގެ ނަން ހިމަނައި ފްލެޓްތަކުގެ އަގާއި އެކީ އާންމުކޮށްފައިވާ ލިސްޓަކީ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެކުންފުނީގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ ހާމަކަން ބޮޑު އުސޫލަކުން ކަމަށާއި ކަމާއިބެހޭ ހުރިހާ މުވައްސަސާއަކުން މިކަން ގާތުން ބެލުމަށް އެއްބާރުލުން ދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.