Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

"ސިންގަމް 3" އަށް ތާރީހެއް

އަޖޭ ދޭވްގަނާ އެކީ ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދަން ނިންމާފައިވާ "ސިންގަމް" ގެ ތިން ވަނަ ބައި ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

"ސިންގަމް އެގެއިން" ގެ ނަން ދީފައިވާ ފިލްމު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 15 އަށެވެ. މި ފިލްމު ވާނީ އަޖޭ އާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އަޖޭގެ ސިންގަމްގެ ކެރެކްޓާ އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ފުރަތަމަ ކެރެކްޓާ އެވެ. އޭނަގެ ކޮޕް ޔުނިވާސްގެ އަނެއް ދެ ކެރެކްޓާ އަކީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްގެ "ސިމްބާ" އާއި އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

އަޖޭ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ފިލްމު ސީޒީޒްގެ ފުރަތަމަ ބައި "ސިންގަމް" 2011 ގައި ގެނެސްދިނުމަށް ފަހު، "ސިންގަމް ރިޓާންސް" ރިލީޒްކުރީ 2014 ގަ އެވެ. ފުރަތަމަ ބައިގެ ބަތަލާގެ ރޯލު ކާޖަލް އަގަރްވާލް ކުޅުނު އިރު، ދެވަނަ ބައިގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

"ސިންގަމް އެގެއިން" ރިލީޒްކުރާ ތާރީހު ކަނޑައެޅި އިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އަޖޭގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅެ މިދިޔަ މަހު ގެނެސްދިން "ބޯލާ" އެވެ.