ގޫގުލް ކުންފުނީގެ މުވައްޒަފުން މަދު ކުރުމަަށް ނިންމައި އެކަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި މިދިޔަ އަހަރު ކުންފުނީގެ ސީސީއޯއަށް 226 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓް އިންކޯޕަރޭޝަންގެ މިދިޔަ އަހަރުގެ ސެކިއުރިޓީސް ފައިލިންގްތަކުންނެވެ. ސުންދަރު ޕިޗާއީގެ މުސާރައަކީ އަހަރަކު ދެ މިލިއަން ޑޯލަރެވެ. މީގެ އިތުރުން އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި މަދުވެގެން ކޮންމެ އަހަރަކުވެސް 5 މިލިއަން ޑޮލަރު ދެއެވެ. މިދިޔަ އަހަރުގެ އާމްދަނީ އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެ 3 އަހަރަކުން ދޭ ސްޓޮކް އެވޯޑުގެ ސަބަބުންނެވެ. މިއީ ގޫގުލްގެ ސީއީއޯއަށް ކުންފުނީގެ ހިއްސާއިން ކޮންމެ ތިން އަހަރަކުން މަސައްކަތް ކުރާ މިންވަރަށް ބަލައި ދޭ އެއްޗެކެވެ.
މިދިޔަ އަހަރު ސުންދަރު ޕިޗާއީއަށް 218 މިލިއަން ޑޮލަރު ސްޓޮކް އެވޯޑުގެ ގޮތުގައި ލިބިފައިވެއެވެ. މިއީ ގޫގުލް ކުންފުނީގެ އާންމު މުވައްޒަފެއްގެ އާމްދަނީއާއި އަޅާ ކިޔާނަމަ 800 ގުނަ އިތުރު އަދަދެކެވެ.
ގޫގުލް ކުންފުނީގެ ސީއީއޯގެ އާމްދަނީ މިވަރަށް ދީފައިވާއިރު، އެކުންފުންޏަށް މިވަނީ މުވައްޒަފުން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި މިކަން ކުރުމުން ފާޑުކިއުން އަމާޒުވެފައެވެ. އެގޮތުން މިއަހަރު ޖެނުއަރީ މަހު އެކުންފުނިން ވަނީ 12،000 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޮފީސް ތަކުން ވަކި ކުރާނެ ކަން އިއުލާން ކޮށްފައެވެ.
މިކަމާއި ހެދި ވަޒީފާއިން މީހުން ވަކި ކުރުމުން ހުރިހާ މުވައްޒަފުން އެދުވަހަށް މަސައްކަތް ހުއްޓާލާފައި ގެއަށް ގޮސްފައި އެބަހުއްޓެވެ. މިފަދަ ކަމެއް އެކުންފުނީގެ ލަންޑަން އޮފީހާއި ޒިއުރިކް އޮފީހުގައި ހިންގާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.