Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

އާބަންކޯގެ ވޮލީބޯޅަ ކޭމްޕް މިފަހަރު މުލަކުގައި

މ. މުލަކުގައި ބާއްވާ އާބަންކޯ ވޮލީ ބޯޅަ ކޭމްޕް / ފޮޓޯ: އާބަންކޯ

"ބިއޯންޑް ހުޅުމާލެ އާބަންކޯ ވޮލީބޯލް ކޭމްޕް 2023" ނަމުގައި މ. މުލަކުގައި ވޯލީ ބޯޅަ ކޭމްޕެއް އާބަންކޯއިން ފަށައިފިއެވެ.

މުލަކުގައި ފެށި މި ކޭމްޕަކީ އާބަންކޯގެ ފަރާތުން ބިއޯންޑް ހުޅުމާލެ ޝިއާރުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ކޭމްޕަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވާ މި ކޭމްޕް ހުޅުމާލެއިން ބޭރުގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

މިމަހުގެ 22 ވަނަ ދުވަހު ކޭމްޕް ފަށާފައިވާއިރު މި ކޭމްޕް އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ދާނެއެވެ. އަދި ކޭމްޕުގައި ގްރޭޑް 7 އާއި 9 ދެމެދުގެ 50 ކުދިން ބައިވެރިވެއެވެ. މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މ. މުލަކުގައި ބާއްވާ އާބަންކޯ ވޮލީ ބޯޅަ ކޭމްޕް / ފޮޓޯ: އާބަންކޯ

ބިއޯންޑް ހުޅުމާލޭގެ ދަށުން އެކުންފުނިން އަންނަނީ ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ވެސް އިޖްތިމާއީގޮތުން ކައުންސިލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

މިފަދަ ކޭމްޕްތަކުގެ ސަބަބުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ ކުޅިވަރަށް އޮންނަ ލޯބި އިތުރުވެގެންދާ ކަމަށް އާބަންކޯއިން ބުނެއެވެ. މިއާއެކު މިފަދަ ގިނަ ކުޅިވަރު ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ރޭވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.