Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

ކުޅިވަރު ވައުދުތަކުގެ 95 ޕަސެންޓް ފުއްދިއްޖެ

ކުޅިވަރު ވައުދުތަކުގެ 95 ޕަސެންޓް ފުއްދިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މަހުލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގައި ހުރި ތަފާތުތައް ނައްތާލައި ކުޅިވަރު ވަސީލަތްތައް ގާއިކުރުމާއެކު ބައިނަލްއަގުވާމީ ކުޅިވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

"ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން 95 ޕަސެންޓް ޔަގީން ކަށަވަރު އަޅުގަނޑުމެންނަށް މިހާރު ހުންނާނީ ޑެލިވާ ކުރެވިފައި. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." މަހުލޫފް ވިދާޅުވި އެވެ.

ކުޅިވަރުގައި ހުރި ތަފާތުތައް ނައްތާލެވިފައިވާ ކަމަށާއި މިއަދު ބިލިއާޑް ކުޅޭ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ މުސާރަ ހަމަހަމަކޮށްފައިވާއިރު މި ކުޅިވަރުގައި ގައުމީ ކޯޗުން ވެސް މިހާރު ތިބޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. ކުޅިވަރުގައި ރާއްޖެއިން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި ކުޅިވަރުގައި އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ފެށި މޯލްޑިވްސް އޯޕަންގައި ރާއްޖޭގެ 16 ކުޅުންތެރިންނާ އެކު ޖުމްލަ 62 ކުޅުންތެރިން ވާދަކުރެ އެވެ.