Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ސިލްސިލާތަކުން ކަމުދާ ކަހަލަ ރޯލުތަކެއް ނުލިބޭ

ޓީވީ ސިލްސިލާތަކުން މިހާރު ކަމުދާ ކަހަލަ ރޯލުތަކެއް ނުލިބޭ ކަމަށާއި އެހެންވެ މި ވަގުތަށް ސިލްސިލާތަކާ ދުރުގައި ހުންނަން ބޭނުންވާ ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ އެރިކާ ފެނަންޑޭޒް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ އެރިކާ އަކީ ސްޓާ ޕްލަސް އިން ގެނެސްދިން "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަންގެ ބަތަލާގެ އިތުރުން ސޮނީ ޓީވީން ދެ ސީޒަނަކަށް ގެނެސްދިން "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" ގެ ވެސް ބަތަލާ އެވެ.

ފިތުރު އީދު ދުވަހު އެމެޒޯން މިނީ ޓީވީން ޕްރީމިއާކުރި ކުރު ފިލްމު "ދަ ހޯންޓިން" ގެ ޕްރޮމޯޝަންގެ ތެރެއިން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އެރިކާ ބުނީ ޓީވީ ސިލްސިލާތަކުން އަބަދު ވެސް ލިބެނީ އެއްކަހަލަ ރޯލުތަކެއް ކަމަށެވެ. އެހެންވެ އޭގެ ސަބަބުން އެކްޓަރެއްގެ ގޮތުގައި ހުނަރު ތަރައްގީކުރަން މަގުފަހި ނުވާ ކަމަށް ވެސް ބުންޏެވެ.

"ދެން ވަރަށް ފޫހި އަބަދު އެއް ކަހަލަ ރޯލުތަކެއް ކުޅެންވީމަ. އެހެންވީމާ ޓީވީ ސިލްސިލާތަކުން ބްރޭކަކަށް ދާން ބޭނުންވީ. އަސްލު މިއީ އެންމެ ބޭނުންވި ގޮތެއް ވެސް ނޫން. އެކަމަކު އެކްޓިންގެ ތެރެއިން ޗެލެންޖިން ރޯލްތައް ކުޅެން ނުލިބި އަބަދު އެއްކަހަލަ ރޯލުތަކެއް ކުޅެން ޖެހުނީމަ ފޫހިވާ ގޮތް ވާނެ،" މިހާރު އާންމުކޮށް ދުބާއީގައި ދިރިއުޅޭ އެރިކާ ބުންޏެވެ. "އެހެންވެ މި ވަގުތަށް ސިލްސިލާތަކުން ލިބޭ ރޯލުތަކާ ދުރުގައި މި ހުންނަނީ."

ނަމަވެސް ލިބޭ ރޯލަކީ ތަފާތު އަދި ކުރިން ކުޅެފައި ނުވާ ރޯލްތަކާ މުޅިން ތަފާތު ރޯލްތަކެއް ނަމަ ސިލްސިލާތައް ކުޅޭ ނަމަ ކަމަށް އޭނަ ބުންޏެވެ. އެހެންވެ އަދި ވީ ސިލްސިލާތަކަށް ދެން އެއްބަސްވާނީ ވަރަށް ފަރުވާތެރިކަމާ އެކީގައި ކަމަށް ބުންޏެވެ.

އެރިކާ ބުނި ގޮތުގައި ކުރު ފިލްމު "ދަ ހޯންޓިން" އަށް އެއްބަސްވީ ވެސް ޗެލެންޖިން ރޯލެއް ކުޅެން ބޭނުންވާތީ އެވެ. އަދި އެއަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

އެރިކާ ވަނީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިންދީ، ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ފިލްމުތައް ހިމެނެ އެވެ. ދެހާސް ސާދައިގެ "ބަބްލޫ ހެޕީ ހޭ" އަކީ އެރިކާ މުހިއްމު ރޯލެއް ކުޅުނު ހިންދީ ފިލްމެކެވެ.