ސްޕެނިޝް ލީގުގައި މިރޭ އެތްލެޓިކޯ މެޑްރިޑް އަތުން 1-0 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން ލީޑު 11 ޕޮއިންޓަށް ފުޅާކޮށްފި އެވެ.
މި މޮޅާއެކު އެއްވަނައިގައި ބާސާ އޮތީ 30 ޕޮއިންޓުން ލިބުނު 76 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 30 މެޗުން 65 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 60 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެތްލެޓިކޯގެ ފޯވާޑް އެންޓުއާން ގްރިޒްމަން ފޮނުވާލި ހަމަލާއެއް ވަނީ ބާސާގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 44 ވަނަ މިނެޓްގައި ބާސާ އަށް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ. ޓޮރޭސް މި ގޯލު ކާމިޔާބު ކުރީ އެތްލެޓިކޯގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާގެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފްގައި ބާސާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ބާސާގެ ރޮބަޓް ލެވެންޑޯސްކީ އަދި ރަފީނިއާ އަށް މުޅިން ހުސް ފުރުސަތުތަކެއް ލިބުނު އެ ދެ ހަމަލާ ވެސް ދިފާއުކުރީ އެތްލެޓިކޯގެ ކީޕަރު އޮބްލަކް އެވެ. އަދި ބާސާގެ ޒުވާން މިޑްފީލްޑަރު ގަވީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މި ހާފުގައި ނަތީޖާ އެއްވަރުކުރަން އެތްލެޓިކޯ އިން ވެސް މަސައްކަތް ކުރިއިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބާސާގެ ގޯލްކީޕަރު ސްޓޭގަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
ލީގުގެ އެއްވަނައިގައި ބާސާ އިން 11 ޕޮއިންޓުގެ ލީޑެއް ނެގިއިރު ލީގުގައި އެޓީމަށް ބާކީ އޮތީ 8 މެޗެވެ.