އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނިއުކާސަލް ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ނިއުކާސަލް މިހާރު އޮތީ 31 މެޗުން ލިބުނު 59 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ޓޮޓެންހަމް އޮތީ 32 މެޗުން ލިބުނު 53 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ. ހަތަރުވަނައިގައި 30 މެޗުން 59 ޕޮއިންޓް ހޯދައިގެން އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 22 މިނެޓްތެރޭ ނިއުކާސަލް އިން ވަނީ ފަސް ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ފަސް ގޯލުގެ ތެރެއިން ޖޭކޮބް މާފީ އާއި އެލެގްޒެންޑާ އިސާކް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. ނިއުކާސަލް އިން ފުރަތަމަ ހާފްގައި ޖެހި އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޖޮއެލިންޓަން އެވެ.
ނިއުކާސަލްގެ ހަވަނަ ގޯލު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ކަލަމް ވިލްސަން އެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހެރީ ކޭން އެވެ.
މިއީ 2011 ވަނަ އަހަރަސް ފަހު ފަސް ގޯލަށް ވުރެ ބޮޑު ތަފާތަކުން ލީގު މެޗެއް ނިއުކާސަލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 2013 ވަނަ އަހަރަށް ފަހު ލީގު މެޗަކުން ޓޮޓެންހަމް މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.
ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. ނިއުކާސަލް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.