ބްރެޒިލްގެ އެމްބްރެއާރ ކުންފުނިން ނޭޓޯ އިން ބަލައިގަންނަ މިންގަނޑަށް އަސްކަރީ މަތިންދާ ބޯޓު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބްރެޒިލްއިން ބުނެފިއެވެ.
ބްރެޒިލްއަށް ނިސްބަތްވާ އެމްބްރެއަރ އަކީ ބައިނަލްއަޤްވާމީ ކޮމާޝަލް މަތިންދާ ބޯޓުތަކާއި، އެގްރިކަލްޗަރަލް އަދި އަސްކަރީ ބޯޓުތައް އުފައްދާ ކުންފުންޏެކެވެ. މިކަން ހާމަކޮށް ބްރެޒިލް ދިފާއީ ވަޒީރު ހޯޒޭ މޫޗިއޯ ވިދާޅުވީ، މިކަން ކުރާނީ ޕޯޗުގަލްގެ ވައިގެ އުފެއްދުންތައް އުފައްދާ އޯގްމާ ކުންފުންޏާއި ގުޅިގެން ކަމަށެވެ. އޯގްމާ ކުންފުނީގެ 65 އިންސައްތަ ހިއްސާއާއެކު ކުންފުނީގެ މައި ހިއްސާދާރަކީ އެމްބްރެއަރ ކުންފުންޏެވެ.
އެމްބްރެއަރއިން އުފައްދާ ބައެއް ފާހަގަކޮށްލެވޭ އަސްކަރީ އުޅަނދުތަކުގެ ތެރޭގައި ސުޕަރ ޓުކާނޯ ކިޔާ ކުޑަ އަސްކަރީ ބޯޓެއް އޮވެއެވެ. ދާދި ފަހުން އެކުންފުނިން ވަނީ ސުޕަ ޓުކާނޯގެ އޭ-29 މަރުކާ ބޯޓެއް ނޭޓޯ މިންގަނޑުތަކަށް އުފައްދާފައެވެ.
މޫޗިއޯ ވިދާޅުވީ، ބްރެޒިލްގައި މިގޮތަށް ބޯޓުތައް އުފައްދާއިރު ޔޫރަޕުގެ ޤައުމުތަކަށް ވިއްކަން ބަލާއިރު ބައެއް ފަހަރު ނޭޓޯ މިންގަނޑުތަކަށް ނުފެތިދާ ކަމަށެވެ. އެހެން ކަމުން ނޭޓޯ ސާޓިފިކޭޝަން އާއިއެކު ޔޫރަޕް މާކެޓް އެކުންފުންޏަށް ލިބުމަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބްރެޒިލްގެ އުފެއްދުންތައް ނޭޓޯ ސިފަތަކާއި އެކު އުފައްދަން ގަސްތު ކުރާ ކަމަށް މިހާރު ޕޯޗުގަލްއަށް ވަޑައިގެން އުޅުއްވާ މޫޗިއޯ ވިދާޅުވިއެވެ.
އެމްބްރެއާރ އިން އުފައްދާ އަސްކަރީ މުދާ އުފުލާ މަތިން ބޯޓަކީވެސް ބައިނަލްއަޤްވާމީ މާކެޓުގައި މަޤުބޫލު ބޯޓެކެވެ. އެގޮތުން އޭގެ ފަސް ބޯޓު ގަތުމަށް ޕޯޗުގަލް ސަރުކާރުން 2019 ވަނަ އަހަރު ނިންމިއެވެ. މި ބޯޓުތަކުގެ ޖުމްލަ އަގު 827 މިލިއަން ޔޫރޯއަށް އަރައެވެ.
މޫޗިއޯ ވަނީ މިހާރުގެ ބްރެޒިލް ސަރުކާރުން އަސްކަރީ ސާމާނު އުފައްދާ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭން ބޭނުންވާކަން ފާހަގަކޮށްފައެވެ.