Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ކުނިއަޅަން ބަންދުކުރާނެ ކޮތަޅު ވެމްކޯއިން ވިއްކަނީ

ވެމްކޯ މުވައްޒަފެއް ކުނި ގެންދިއުމުގައި / ފޮޓޯ: ވެމްކޯ

ކުނިއަޅާނެ ކޮތަޅު ވެމްކޯއިން ބުރާސްފަތި ދުވަހުން ފެށިގެން ވެމްކޯއިން ވިއްކަން ފަށާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސަރުކާރުން ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށިއިރު، ކުނި އަޅަން ބޭނުން ކުރާ ބިންލައިނަރ ކޮތަޅަކީ އަގުނެގުމުން އިސްތިސްނާވެފައިވާ ބާވަތެކެވެ. މިހާރު ކުނިއެޅުމަށް ގިނަ ބަޔަކު ބޭނުން ކުރަނީ އާންމު ބާޒާރު ކޮތަޅެވެ. އެހެން ކަމުން ބިންލައިނަރ ކޮތަޅު ވިއްކަން ނިންމީ، ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅައި ބަނދުކުރާނެ ކޮތަޅު ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ކޮތަޅުތަށް ވިއްކަން ފަށާނީ މި ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެ ކޯޕަރޭޝަނުން ވިއްކާ ކޮތަޅު، މާލެ، ހުޅުމާލެ އަދި ވިލިމާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ތަކުން ލިބެން ހުންނާނެއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ބިން ލައިނަރ ކޮތަޅު ވިއްކަން ފަށާއިރު، ވިއްކަން މަޝްވަރާކުރެވުނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެވެ. 11*17 އިންޗީގެ ކޮތަޅާއި، 18*27 އިންޗީގެ ކޮތަޅާއި އަދި 36*48 އިންޗީގެ ކޮތަޅެވެ. މިގޮތަށް ވިއްކާއިރު، ކުނިވާ ފަނާވާ ޒާތުގެ ތަކެތި ބަނދު ކުރާނީ ފެހި ކޮތަޅުގައެވެ. އަދި ޕްލާސްޓިކް ސާމާނު ވަކިން ކަޅު ކޮތަޅުގައި ބަނދު ކުރާއިރު އެހެނިހެން ސާމަންވެސް ބަނދުކުރާނީ ކަޅު ކޮތަޅުގައެވެ.

ވެމްކޯއިން ވަނީ މިކޮތަޅުތައް ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.