Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ޕެނަލްޓީން މޮޅުވެ ޔުނައިޓެޑް ފައިނަލަށް

ބްރައިޓަން އަތުން ޕެނަލްޓީ ޖަހައިގެން 7-6 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ. މިއީ އެފްއޭ ކަޕްގެ ފައިނަލެއްގައި މި ދެ ކްލަބް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ފައިނަލް އޮންނާނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސް ނުކުރެވުނު މި މެޗުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން ބްރައިޓަން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ދިފާއުކުރިއިރު ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބްރައިޓަންގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ ދިފާއުކޮށްފަ އެވެ.

ދެ ޓީމު އެއްވަރުވެގެން ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީގައި ޔުނައިޓެޑުން ޖެހި ހަތް ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު ބްރައިޓަން އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ސޮލީ މާޗް ފޮނުވާލި ޕެނަލްޓީ އެވެ. މާޗް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.