ޚާއްސަ ހާލަތްތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހައި ކޯޓުގައި އެދެވޭނެ ކަމަށް ކަނޑައަޅައި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް ޖުޑީޝަރީ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވައިފި އެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ބައެއް ހާލަތްތަކަށް ވުރެ ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރެވޭނެ ކަމަށެވެ.
އެގޮތުން މި މާއްދާގެ ދަށުން، މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރުން ދައުވާ ކުރާ މީހުންނަށް ވެސް ކޯޓުގައި އެދެވިދާނެއެވެ.
ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރީ ހެއްކާ ބެހޭ ގާނޫނާ ގުޅޭ ގޮތުން ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ.
ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް، މާނަ ކުރަން ހުޅުވާލެވޭ ގޮތަށް މަސްދަރު ހާމަކުރުމާ ބެހޭ މާއްދާ އޮތުމުންނެވެ.
ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ކޮމެޓީން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ނޫސްވެރިއަކަށް އެއްވެސް ފަރާތަކުން މައުލޫމާތު ދީފައިވަނީ އޭނަ އަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން ފަރާތުގެ ރުހުމަކާ ނުލައި، އެއީ ކާކުކަން އަންގައިދޭނެ ނުވަތަ އެއީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ މައުލޫމާތާއި އެފަދަ މައުލޫމާތެއް އެކުލެވިގެންވާ ވަސީލަތްތަކާއި އެއްޗެހިވެސް ޝަރީއަތަށް ހާމަ ކުރުމަށް އަމުރު ނުކުރެވޭނެ ކަމަށް އެ މާއްދާގެ (ށ) އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވެ އެވެ.
އެ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ޓެރަރިޒަންގެ ކުށްތަކާއި ގައުމީސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށްތަކުގެ މައްސަލަ ތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް، ހައިކޯޓަށް ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަ ކުރުމަށް އެ ކޯޓުން އަމުރު ކުރެވިދާނެ ކަމަށް ކޮމެޓީން އިސްލާހު ގެނެސްފައިވެ އެވެ.