Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

"ޑްރީމް ގާލް 2" ގެ ތާރީހު އަލުން ބަދަލުކޮށްފި

އަޔޫޝްމަން ކްރާނާގެ ފިލްމު "ޑްރީމް ގާލް 2" ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.

އެންމެ ފުރަތަމަ މި ފިލްމު ސިނަމާތަކަށް ގެންނަ ގޮތަށް ނިންމީ ޖުލައި 7 ގަ އެވެ. އެކަމަކު ފަހުން ޖޫން 23 އަށް އަވަސްކޮށްފައި ވަނިކޮށް "ޑްރީމް ގާލް 2" ގެ ޓީމުން ފިލްމު އޮގަސްޓް 25 އަށް ފަސްކުރިކަން މިއަދު އިއުލާންކޮށްފަ އެވެ.

މި ފިލްމަކީ އަޔޫޝްމަންގެ 2019 ގެ "ޑްރީމް ގާލް" ގެ ސީކްއެލް އެވެ. ދެވަނަ ބައި ވެސް ލިޔެ، ޑައިރެކްޓްކުރީ ފުރަތަމަ ބައި ވެސް ހެދި ރާޖް ޝާންޑަލިޔާ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ.

"ޑްރީމް ގާލް" ގެ ބަތަލާގެ ރޯލު ނުޝްރަތު ބަރޫޗާ ކުޅުނު ނަމަވެސް ސީކްއެލްގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. މި ފިލްމުގެ ޕްރޮމޯޝަން ތަފާތު ގޮތަކަށް ކުރިއަށް ގެންދާ އިރު، މިދިޔަ މަހު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "ތޫ ޖޫޓީ، މޭ މައްކާރް" އާ ގުޅުވައިގެން، އަޔޫޝްމަން ކުޅޭ ޕޫޖާގެ ކެރެކްޓާ ރަންބީރަށް ކުރާ ފޯނު ކޯލެއް ގެނެސް ދީފައިވެ އެވެ.

އަދި ފިތުރު އީދު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އާ ގުޅުވައިގެން ސަލްމާނަށް ކުރާ ކޯލެއް ގެނެސްދިން ޕޫޖާ އެންމެން ހެއްވާލާފައިވެ އެވެ.

"ޑްރީމް ގާލް" އަކީ ވަޒީފާއެއް ހޯދަން އުޅުނު ޒުވާނަކަށް ކޯލު ސެންޓަރެއްގައި "ޕޫޖާ" އަށް ހެދިގެން އަންހެން އަޑުން ވާހަކަ ދައްކައިގެން އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އެކަމާ ގުޅިގެން ހިނގާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ އެއްޗެކެވެ. އަދި މި ފަހަރު ޕޫޖާގެ ކެރެކްޓާ އޮތީ ހަ ފިލި މައްޗަށް އަރުވައިފަ އެވެ. އެހެންވެ ކުރީގެ ބަޔަށް ވުރެ ސީކްއެލް މަޖާ ވާނެ ކަމަށް ބެލެވެ އެވެ.