Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ރާއްޖޭގައި މެޑިކަލް މާފިއާއެއް އެބައޮތް

ރާއްޖޭގައި މެޑިކަލް މާފިއާއެއް އެބައޮތް ކަމަށާއި، ސިއްހީ ވަސީލަތްތައް ހޯދަން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް އެއީ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" އެ ޔުނިއަންގެ އެކްސްކޯ މެންބަރު ހާޝިމް އަބޫބަކުރު ވިދާޅުވީ ރާއްޖޭގައި ސިއްހީ ވަސީލަތްތައް އަދިވެސް ވަރަށް މަދު ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ބޭނުންވާ ދާއިރާތަކުން ވަސީލަތްތައް ގާއިމުކުރުމުގައި ސިއްހީ ވަސީލަތްތައް ހޯދުމުގެ މަރުހަލާގައި ދެފުށްފެންނަ ނިޒާމެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ އެގޮތުން ސިއްހީ ދާއިރާ އަށް މެޑިލަލް ވަސީލަތްތައް ހޯދުމުގައި ވަކި ބަޔަކަށް މަންފާވާގޮތަށް ކަންކަން ދޫކޮށްލާފައި އޮތުމުގެ ސަބަބުން ބޮޑެތި ޚަރަދުތަކެއް ސިއްހީ ދާއިރާ އަށް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހާޝިމު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ބަލައި ފިޔަވަޅު އެޅުމުގައި ވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. އެގޮތުން ސިއްހީ ވަސީލަތްތައް ހޯދަން ފައިސާ ދެއްކި ނަމަވެސް ތަކެތި ނުލިބުމުގެ މައްސަލަ ދިމާވާ ކަމަށް ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކެއް އެންމެ ބޮޑަށް މި ފަހުން ފާހަގަކުރެވުނީ ކޮވިޑްގެ ތެރޭގަ އެވެ. އެގޮތުން ވެންޓިލޭޓަރުތަކެއް ހޯދުމުގައި ކޮޕަރްޝަންގެ ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާކަން ފަޅާއަރާފައިވެ އެވެ. އަދި އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މަގާމުން އިސްތިއުފާ ވެސް ދެއްވި އެވެ.

އެމްއެޗްޕީޔޫގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒިމްނާ ވިދާޅުވީ ސިއްހީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ދާއިރާގެ މުވައްޒަފުންނަށް އެކަމުގެ ދަތިތަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.