ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވި އެމްޑީޕީގެ އިބްރާހިމް ޝާޒް މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ޝާޒް މެންބަރު ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހެނދުނު 10:00 ގައި ރައްޔިތުންގެ މަޖިލީހުގައެވެ. އަދި މިއަދުގެ ޖަލްސާގައި ޝާޒް ވަނީ ބައިވެރިވެފައެވެ.
މިއާއެކު މަޖިލީހުގައި ތިބީ އެމްޑީޕީގެ 68 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން، ޖޭޕީގެ 2 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، އެމްޑީއޭގެ 2 މެންބަރުން އަދި ވަކިޕާޓީއަކަށް ނިސްބަތްނުވާ 4 މެންބަރުންނެވެ.
އޭޕްރިލް 15 ވަނަ ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމްއަށް ވަނީ 1226 ވޯޓު ލިބިފައެވެ. އެއީ ވޯޓުލީ މީހުންގެ 45.51 އިންސައްތައެވެ. އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒްއަށް 1346 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 49.96 އިންސައްތައެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް އަލި އާރިފްއަށް ލިބިފައިވަނީ 112 ވޯޓެވެ.
ގުރައިދޫ ދާއިރާގެ އިންތިހާބު ބާއްވާފައިވަނީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.