Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ސޯޝަލް މީޑިއާ ދެކެ ބިރުގަނޭ: ސުނިލް

ސޯޝަލް މީޑިއާ އަކީ މިހާރު ގިނަ މީހުން ހިތަށް އެރިހާ އެއްޗެއް މީހުންނާ ދިމާ އަށް ގޮވައި މީހުންގެ އަބުރު ކަތިލަން ބޭނުންކުރާ އެއްޗަކަށްވާތީ އެއަށް ބިރުގަންނަ ކަމަށް އިންޑިއާގެ އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ދިން އިންޓަވިއުއެއްގައި ބުނީ ފަހަކަށް އައިސް އޭނަ އާއިލާގެ މީހުންނާ ސޯޝަލް މީޑިއާގެ ތެރެއިން ދިމާކޮށްލައި ވަރަށް ހުތުރު އެއްޗެހި ވެސް ގޮވާ ކަމަށެވެ. އަދި އޭގެ ނޭދެވޭ އަސަރު އާއިލާ އަށް ކުރާ ކަމަށް ސުނިލް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީއާ އެކު ލިބުނު ފަސޭހަތަކުގެ ބޭނުން ވަރަށް ގިނަ ބަޔަކު ހިފަނީ ނޭދެވޭކޮށެވެ. އޭގެ ސަބަބުން ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅެން ދަތިވާ ކަމަށް ވެސް ސުނިލް ބުންޏެވެ.

"އަންހެން ދަރިފުޅާ ދިމާއަށް ފާޑުފާޑުގެ އެއްޗެހި ކިޔުމާއި މަންމައާ ބެހުމާއި އަދި އާއިލާގެ އެހެން މީހުންނާ ވެސް ސޯޝަލް މީޑިއާގައި ބެހި އެކި ކަހަލަ އެއްޗެހި ގޮވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" 61 އަހަރުގެ އެކްޓަރު ބުންޏެވެ. "އަދި ސީދާ އަހަންނަށް ވެސް އެބަހުރި މި ފަހުން ސޯޝަލް މީޑިއާގެ ތެރެއިން ވަރަށް ގިނަ ފުރައްސާރަތަކާ ކުރިމަތިވެފައި."

ސުނިލް ބުނި ގޮތުގައި ނުވެސް ދެނެހުރި ކަންކަން އޭނަގެ ބޮލުގައި އަޅުވައި ވެސް އެތައް ވާހަކަތަކެއް ދައްކައި، ސޯޝަލް މީޑިއާގެ ތެރެއިން ގޯނާކޮށްފައިވެ އެވެ. ހާއްސަކޮށް ފިލްމީ ތަރިންނަކީ މަޝްހޫރު ބަޔަކަށްވާތީ އެ މީހުންގެ ޕްރައިވެސީ މިހާރު ވެސް ސޯޝަލް މީޑިއާގެ ސަބަބުން ގެއްލިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ވަރަށް ގިނަ ބައެއްގެ ދިރިއުޅުން މިކަމާ ހެދި އެބަ ހަލާކުވޭ. އެހެންވެ ސޯޝަލް މީޑިއާ ދެކެ އަހަރެން ޖެހިލުންވޭ ޓްވިޓާ އާއި ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރާ ސުނިލް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ފުރައްސާރަކުރި ނަމަވެސް ހިމޭނަކުން ނުހުންނާނެ އެވެ. އަދި ކިޔާ އެއްޗިއްސަށް ރައްދު ދޭން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށް "ދަޅްކަން" ގެ ބަތަލު ބުންޏެވެ.

"އަހަންނަކީ ޝެޓީއެއް. އެހެންވީމަ ކަންކަމުގައި ރައްދުދޭން ގަޓް ހުންނާނެ." ސުނިލް ބުންޏެވެ.