ރައްޔިތުންގެ މަޖިިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ އަދަދު 68 އަށް އަރައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒް މެންބަރު ކަމުގެ ހުވާ ކުރައްވާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެލައްވާކަން ހާމަކުރައްވާފައެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވުނު އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، މަޖިލީހުގެ ގަވައިދުގައި ބުނާ ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއާއެކު މަޖިލީހުގައި ތިބީ އެމްޑީޕީގެ 68 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން، ޖޭޕީގެ 2 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، އެމްޑީއޭގެ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 4 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް މިދައުރަށް އިންތިހާބުވިއިރު ތިބީ އެމްޑީޕީގެ 65 މެންބަރުންނެވެ. އޭގެފަހުން އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުވިއިރު، ޖޭޕީ އަދި ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.