Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޗާގޯސް ގެ "ޑީލް" ތަހުގީގުކުރަން ގޮވާލައި ކުއްލި މައްސަލައެއް

މެންބަރު އާދަމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރުމަށާއި އަދި "ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލް ހަދާފައިވާ" ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް 23 މެންބަރުން ވޯޓު ދެއްވިއިރު ބަލައިގަތުމާ ދެކޮޅަށް 19 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގެ މައްސަލައިގައި މި އޭޕްރިލް 28 ވަނަ ދުވަހު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ. އަދި ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ހާރިޖީ، އިގުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައެއް ކަމަށެވެ.

"…ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމަށް ސަރުކާރުން އަޑި ނޭނގޭ ޑީލެއް، އ.ދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އިންނަވައިގެން ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ވިދާޅުވަމުންދާތީވެ، ޗާގޯސްގެ މައްސަލައިގައި ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހިނދު.." ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މި ކުއްލި މައްސަލައިގައި ވަނީ، ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދިނުމަށާއި އެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެއް ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި މިކަމުގައި ޑީލްއެއް ހަދާފައިވާނަމަ އެކަން ތަހުގީގުކޮށް އެކަމެއްގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.