ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ގެއްލުނަ ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރުމަށާއި އަދި "ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލް ހަދާފައިވާ" ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
މި ކުއްލި މައްސަލައިގެ ބަހުސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކޮށްފައިވާއިރު، އެ ބަހުސް ނިންމާލައްވަމުން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލައަކީ ކުޑަ މައްސަލައެއްގެ ގޮތުގައި އެއްވެސް މެންބަރަކު ފާހަގަ ނުކުރާނެކަމަށެވެ. އަދި މިމައްސަލައިގެ ބޮޑުކަމާއި މުހިންމުކަން މަޖިލީހުގެ ރިޔާސަތަށްވެސް އެނގޭކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުން، ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އުނިވިޔަކަ މި މަޖިލީހަކުންނެއް ނުދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ކޮންމެ ބަޔަކާއެކު އެއްބަސްވިނަމަވެސް އަދި ކޮންމެ ކޯޓަކުން އަދި ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެގޮތަށް ނިންމައިގެން ކަމަށެވެ. އަދި އޭގެކުރިން އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިނދެގެން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުނަ ނުދޭނެކަމަށް ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޫނު ބަހުސެއް ކޮށްފައިވާއިރު މި މައްސަަލައިގައި އަންނަ ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ގޮތެއް ނިންމާނެއެވެ.