Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

އަހަރުގެ މިހާތަނަށް 27،000 ޓަނުގެ މަސް ކިރައިފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

އަހަރުގެ މިހާތަނަށް މިފްކޯއަށް ގާތްގަނޑަކަށް 27،000 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ އިން ހާމަކޮށްފިއެވެ.

އެކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަރު ފެށިގެން މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް، މިހާތަނަށް ޖުމްލަ 26،954 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ. މިއީ މިދިޔަ އަހަރު މިމުއްދަތުގައި ކިރުވި މަހަށް ވުރެ 14 އިންސައްތަ އިތުރުވުމެއް ކަމަށް މިފްކޯއިން ބުނެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ކިރާފައިވަނީ 23،732 މެޓްރިކް ޓަނެވެ.

މިއާއެކު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މިއަހަރު މިމުއްދަތުގައި މަސްވެރިންނަށް ބަހާފައިވާ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް 446.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި މަސްވެރިންނަށް ބަހާފައިވަނީ 380.6 މިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެއީ 20،227 މެޓްރިކް ޓަނުގެ މަހެވެ. ފެލިވަރަށް 3577 މެޓްރިކް ޓަނު ކިރާފައިވާއިރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 3151 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ.

މިއަހަރު ފެށިގެން މިދުވަސްރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 400 ޓަނުގެ މަސް ކިރުވަމުންދާ ކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯގެ މަސް ކިރުވުމުގެ ސްޕީޑު ރަނގަޅުކޮށް ގިނައިން މަސްކިރުވުމަށް ދާދި ފަހުން އިތުރު ބޯޓެއްވެސް އެކުންފުނިން ވަނީ ގެނެސް މަސައްކަތަށް ނެރެފައެވެ.